ރާޖްކުމާރު ރާއޯ ގޭންސްޓާރެއްގެ ރޯލު ކުޅެ، އަންނަ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު "މާލިކް" ގެ ބަތަލާ އަކީ މަނޫޝީ ޗިލާރްކަން އިއުލާންކޮށްފި އެވެ.
މިހާތަނަށް ފިލްމުގެ ބަތަލާ އަކީ ކާކުކަން ސިއްރުކޮށްގެން އުޅުމަށް ފަހު، ފިލްމުގެ ޓީމުން މިއަދު ވަނީ ރާޖްއާ އެކު މަނޫޝީ ފެންނަ ފޯސްޓަރެއް ދައްކާލައިފަ އެވެ. އެ ޕޯސްޓްގައި ވަނީ ފިލްމުން ދޫކޮށްލާ ފުރަތަމަ ލަވަ "ނާމުމްކިން" މިއަދު އާންމުކުރާނެ ކަމަށް ވެސް ބުނެފަ އެވެ.
މަނޫޝީ އަކީ 2017 ގެ މިސް ވޯލްޑެވެ. އޭނަ ބޮލީވުޑަށް ތައާރަފުވީ އަކްޝޭ ކުމާރާ އެކު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ 2022 ގެ "ސަމްރާޓް ޕްރިތުވީރާޖް" އިންނެވެ.
އޭގެ ފަހުން 28 އަަހަރުގެ ބަތަލާ ފެނިފައިވާ ފިލްމުތަކަކީ 2023 ގެ "ދަ ގްރޭޓް އިންޑިއަން ފެމިލީ" އާއި މިިދިޔަ އަހަރުގެ "އޮޕަރޭޝަން ވެލެންޓައިން" އާއި "ބަޅޭ މިޔާ ޗޯޓޭ މިޔާ" އެވެ. "އޮޕަރޭޝަން ވެލެންޓައިން" އަކީ ތެލެގޫ ފިލްމެކެވެ.
ރާޖްއާ އެކު "މާލިކް" އިން މަނޫޝީ ފެނިގެންދާ އިރު، މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ޖޯން އަބްރަހަމްގެ "ތެހެރާން" ގެ ބަތަލާ އަކީ ވެސް މަނޫޝީ އެވެ.
އަންނަ މަހުގެ 11 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ "މާލިކް" އަކީ ޕުލްކިތު ޑައިރެކްޓްކޮށްފައިވާ ގޭންސްޓާ އެކްޝަން ތުރިލާއެކެވެ. ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ޓިޕްސް އިން ގެނެސްދޭ މި ފިލްމުގެ ޓީޒާއެއް މި މަހުގެ 3 ގައި އާންމުކޮށްފައިވާ އިރު، މިހާރު އިންތިޒާރު ކުރެވެނީ ފިލްމުގެ ރަސްމީ ޓްރެެއިލާށެވެ.