Last Updated: June 12, 20:35
Friday, June 13, 2025
ޚަބަރު

މަޖިލީހުގެ ޖަލްސާއެެއް މާދަމާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން އެޖެންޑާކޮށްފި އެވެ.

އީދު ޗުއްޓީ އަށް ފަހު މިއަދު ރަސްމީ މަސައްކަތް ފެށި ނަމަވެސް، މަޖިލީހުގެ ޖަލްސާއެއް ނުބާއްވައި މާދަމާ ޖަލްސާއެއް ބާއްވަން ނިިންމައި އެޖެންޑާކޮށްފައި ވަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރިއަށް ގެންދިއުމެވެ.

މީގެ އިތުރުން ނޭޕާލަށް ރާއްޖޭއިން ކަނޑައަޅާ ނޮން-ރެސިޑެންޓު ސަފީރު ހަމަޖެއްސުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް، ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން ވެސް މާދާމާގެ ޖަލްސާގައި އޮންނާނެ އެވެ.

އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން ވެސް އޮންނާނެ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ހަފުތާއަކު ތިން ދުވަހު ޖަލްސާތައް ބާއްވަން ޖެހެއެވެ. އެއީ ހޯމަ، އަންގާރައިގެ އިތުރުން ބުދައިގަ އެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ މެއި 15 ގަ އެވެ. އަދި ޗުއްޓީ ނިންމާލައި އެންމެ ފަހުން ޖަލްސާއެއް ބޭއްވީ މިދިޔަ ހަފުތާގެ ހޯމައިފަ އެވެ. އެއަށް ފަހު މަޖިލިސް ދިޔައީ އީދު ޗުއްޓީއަށެވެ.