މި އަހަރު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ އާ ފިލްމު "ލޯބިން" އަންނަ އޮގަސްޓް މަހުގެ 6 ގައި ޕްރީމިއާކުރަން ނިންމައި، ފިލްމުގެ ފަސްޓްލުކް ޓީޒާއެއް ދައްކާލައިފި އެވެ.
އެ ޓީޒާގައި ފެންނަނީ ފިލްމުގެ ލަވައެއްގެ މަންޒަރުތަކެވެ.
އިއްލެ ލިޔެ، ޑައިރެކްޓްކޮށްފައިވާ "ލޯބިން" ގެ ލީޑް ކާސްޓްގައި ހިމެނެނީ ދެމަފިރިން ކަމަށްވާވާ އިފްނާޒް ފިރާގާއި ތާތި އާދަމް އާދަމްގެ އިތުރުން އަހުމަދު ޝާރިފާއި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. ފިލްމުން ފެންނާނެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އާއި އައިމިނަތު ރަޝީދާ (އައިންތު) އަދި އައިޝަތު ގުލްފާމް ހިމެނެ އެވެ.
ތަފާތު ލޯބގެ ވާހަކަ ކިޔައިދޭނެ "ލޯބިން" ގެ ފަސްޓްލުކް ޓީޒާ ފެށިގެން އަންނަ އިރު، މީގެ ވާހަކަ ބިނާކޮށްފައި އޮތީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ކަމަށް ފާހަގަކޮށްފައިވާތީ، އެއީ ޔަގީނުން ވެސް މި ފިލްމަށް ބެލުންތެރިން އިންތިޒާރު ކުރާނެ ވަރަށް މުހިއްމު ސަބަބަކަށް ވާނެ އެވެ.
އަނެއްކޮޅުން އިއްލެ އަކީ މިހާތަނަށް މަގުބޫލު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރަކަށްވާތީ "ލޯބިން" އަށް ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ.
"ބަވަތި" އާއި "ނީނާ" އަދި "ފްރީ ޑެލިވަރީ" ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ބިރުވެރި ފިލްމު "ކަންބަޅި" އެވެ.