Last Updated: June 22, 13:56
Sunday, June 22, 2025
ރިޕޯޓް

ދަރިވަރުންގެ ދީނީ ލޯބި ކަފުން ކުރެވެނީ!

މަދަރުސީ ތަޢުލީމު ނިންމާ ދަރިވަރަކަށް ނަމާދުގައި ކިޔާތަކެތި ނޭނގެޔޭ، ހިނގައިގަންނަން ނޭނގެއޭ، ކީރިތި ޤުރުއާން ބަލައިގެން ކިޔަވަން ނޭނގެއޭ ބުނެފި ނަމަ ތިބާ ޤަބޫލު ކުރާނަން ހެއްޔެވެ؟ މިއީ ޙައިރާން ވާން ޖެހޭ ކަމެއް ނޫނެވެ. އެފަދަ އެތައް ކުދިންނެއް މިއަދުގެ މުޖްތަމަޢުން އެބަ ފެނެ އެވެ. މުސްލިމަކަށްވީތީވެ ކޮންމެހެން އެނގެން ޖެހޭ ވަރަށް ގިނަ އަސާސީ ދީނީ މައުލޫމާތުތައް ވެސް ނޭނގޭ އެންމެ ކުޑަމިނުން ތިމާ ހެއްދެވި ފަރާތަށް އަޅުކަންކުރާނެ ގޮތް ވެސް ނޭނގޭ އެތައް ދަރިވަރުންނެއް މިއަދު މަދަރުސާތައް ދޫކޮށް އެބަ ނުކުމެވެ.

ރާއްޖޭގެ ގިނަ މަދަރުސާތަކަކީ ދީނީ މަދަރުސާތަކެއް ނޫނެވެ. ދުނިޔަވީ އެކިއެކި ޢިލްމުތައް ކިޔަވައިދޭ މަދަރުސާތަކެކެވެ. އެ މަދަރުސާތަކުގައި ދީނީ މާއްދާއަކަށް ހަމައެކަނި ކިޔަވައި ދެނީ އިސްލާމް މާއްދާ އާއި ކީރިތި ޤުރުއާނުގެ ކުޑަމިންވަރެކެވެ. ސުވާލަކީ އިސްލާމް ދީނުގެ ތަޢުލީމު އުނގެނުން މިފަދަ ދޯދިޔާ ގޮތަކަށް ދޫކޮށްލާފައި ބޭއްވުމަކީ ހަމަ އެންމެ ރަނގަޅު ގޮތްބާވަ އެވެ؟

ދީން އުނގަންނައި ދިނުމަކީ މިހާ ކުޑަކޮށް ސަމާލުކަން ދޭން ޖެހޭ ކަމެއްގެ ގޮތުގައި މިއަދު މިވަނީ ދެކެން ފަށައިފަ އެވެ. އަހަރުން އަހަރަށް މަންހަޖުތައް މުރާޖަޢާ ކުރެވިގެން އަންނައިރު، ދީނަށް ލިބިފައިވާ ހިއްސާ ކުޑަވަމުން ކުޑަވަމުން އައިސް ހިމަ ރޮނގެއްގެ ސިފައިގައި ކިރިޔާ ފެންނަން އިނީ އެވެ.

އެހެނިހެން ޢިލްމުތައް ކިޔަވާދިނުމުގެ މާނަ އަކީ ދީނީ ޢިލްމަށްދޭ ސަމާލުކަން ކުޑަކުރުމެއް ނޫނެވެ. ދުނިޔޭގެ މުސްލިމު ޤައުމުތަކުގައި އެ ޤައުމުތަކުގެ ސަރުކާރުން ޤައުމީ މަންހަޖުގައި އިސްލާމް ދީނުގެ މައުލޫމާތު ތަފްޞީލު ތެއްގައި ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައި އޮވެ އެވެ. ދުނިޔަވީ ޢިލްމު ކިޔަވަން ބޭނުންވާ ކުއްޖާއަށް އެ ފުރުޞަތު ލިބިދީފައި އޮންނަ ގޮތަށް ދީނީ ޢިލްމުން ތަޚައްޞުޞުވާން ބޭނުންވާ ކުއްޖާއަށް އެ ފުރުޞަތު ވެސް ލިބިދީފައި އޮ ވެއެވެ. އަދި ދީނީ ޢިލްމުގެ ތެރޭގައި، ޢަޤީދާ އާއި، ފިޤުހާއި، ތަފްސީރާއި، ޙަދީޘާއި، ޢަރަބި ބަސްފަދަ މާއްދާތައް ކިޔަވައިދެ އެވެ.

ޙަޤީޤަތުގައި ދީނީ ޢިލްމަކީ އެހެނިހެން ޢިލްމުތަކާ އަޅާބަލާއިރު ވަރަށް ފުން ޢިލްމެކެވެ. ވަރަށް ގިނަ ޢިލްމެކެވެ. އެކިއެކި ބައިތަކަށް ތަފްޞީލީގޮތެއްގައި ބެހިފައިވާ ބައިވަރު ޢިލްމުތަކެކެވެ. ހަމައެކަނި “ދީނީ ތަރުބިއްޔަތު” ނުވަތަ “އިސްލާމީ ތަރުބިއްޔަތު” ބޭރުގަނޑުގައި ޖަހާފައި، އިސްލާމީ ތާރީޚުގެ ދެތިން ހަނގުރާމައާ ބެހޭ މަޢުލޫމާތަކުން ދީނުގެ ޢިލްމު އެކަށީގެންވާ ގޮތުގައި ފޯރުކޮށެއް ނުދެވޭނެ އެވެ.

ޢަޤީދާ ނުވަތަ ތައުޙީދުގެ ބަޔަކީ ދީނުގެ އެންމެ މުހިއްމުބަޔެވެ. ކުށް މަދުވުމާއި އަމާން މުޖްތަމަޢެއް ޤާއިމްވުމުގެ އަސާސަކީ އިސްލާމީ ޢަޤީދާ ކަމަށްވާ އިރު ދިވެހިރާއްޖޭގެ އިސްލާމީ ތަޢުލީމުގެ މަންހަޖުގައި ޢަޤީދާ ފެންނަނީ ވަރަށް ބަލިކަށިކޮށެވެ. މުޖްތަމަޢުގައި ހުރި ހުރިހާ މައްސަލައެއްގެ އަޞްލަކީ ﷲ އާމެދު ބިރުވެތިނު ވުން ކަމުގައިވާ ހިނދު، ﷲ އާ ބެހޭ ގޮތުން އެނގެން ޖެހޭ ޢަޤީދާ ކިޔަވާ ނުދެވޭ ނަމަ މުޖްތަމަޢު ސަލާމަތް ވާނީ ކޮން ގޮތަކުންތޯ އެވެ؟

ގިނަ ބެލެނިވެރިންގެ ވާހަކަތަކަށް ބަލާއިރު އެބައި މީހުންގެ ދަރިންނަށް، އިސްލާމް ދީން ކިޔަވައި ދޭން އެބައި މީހުން ވަރަށް ބޮޑަށް ބޭނުންވެ އެވެ. ކަމަށް އެޅިފައި އޮންނަ އެންމެ ބޮޑު ހުރަހަކީ ސަރުކާރުން ނުވަތަ ތަޢުލީމާ ބެހޭ ވުޒާރާއިން އިސްލާމް ދީނުގެ ތަޢުލީމު ކިޔަވައިދިނުމަށް ދޭ ސަމާލުކަން ކުޑަވުމެވެ.

އިސްލާމް ދީން ނައްތާލުމަށްޓަކައި، އިސްލާމްދީނާ މެދު ނަފުރަތު އުފެއްދުމަށްޓަކައި، އިސްލާމުންނަކީ ދުޝްމަނުންކަމުގައި ވިސްނައި ދިނުމަށްޓަކައި، ހުޅަނގުގެ ޤައުމުތަކުން ހަދާފައި ހުންނަ މަންހަޖެއް ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ގެނެސް އެ މަންހަޖު ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ތަންފީޛުކުރާނީ ކިހިނަކުންތޯ އެވެ؟ އެފަދަ މަންޒަރުތައް ވެސް ފެންނަމުން އެބަދެ އެވެ. ތަރުބިއްޔަތުގައި ފެއިލްވެފައިވާ ޤައުމުތަކުގެ މަންހަޖުތަކުން އަޅުގަނޑުމެން ފެއިލްވުން ނޫން އެހެން ނަތީޖާއެއް ނުކުންނާނެތޯ އެވެ؟

އަޅުގަނޑުމެން އަމިއްލަ އަތުން މަސައްކަތްކޮށްގެން ގުދާރު ބިންދައިގެން ދޭހާ އަތްވެއްގައި ވެހޭހާ ވާރޭއެއްގައި ލޯބޯ ފިއްސައިގެން ކުރާ މަސައްކަތުން ހޯދާ ފައިސާކޮޅު އަޅުގަނޑުމެން ނަށް ޚަރަ ދުކުރަން މަޖްބޫރު ވަނީ އެހެން ބަޔަކު ބޭނުންވާ އެއްޗެއް އަހަރެމެންގެ ދަރިންނަށް ކިޔަވާ ދިނުމަށެވެ. އަހަރެމެން ކިޔަވައި ދޭން ބޭނުންވާ އެއްޗެއް ކިޔަވައިދޭކަށް ފުރުޞަތެއް ނެތެވެ. އެހެން ބައެއްގެ ލާދީނީ ދިރިއުޅުމާއި، ހަޑިމުޑުދާރު ސަގާފަތު އަހަރެމެންގެ ދަރިންގެ ސިކުނޑިތަކަށް އަޅަމުން ދަނީ “ދުނިޔެ ޤަބޫލްކުރާ” އިމްތިޙާނުތަކުގެ ނަމުގަ އެވެ.

ޢަރަބި ބަހާ މުސްލިމުން ބީރަށްޓެހިކޮށް، އިނގިރޭސިބަހަށް ލޯބި ޖައްސަ އެވެ. އިނގިރޭސި ބަސް ކުރިއެރުވުމުގެ ގޮތުން ކިޔަވާ ކުދީން ކިޔުމަށްޓަކައި ލައިބުރަރީގައި ހުންނަނީ އެ މީހުންގެ މުޖުތަމަޢުގައި ހުރި ހުރިހާ “ހަޑި” އެއް އުނގުޅާފައި ހުންނަ ފޮތްތަކެވެ. “ޙައްދެއް ނެތް މިނިވަންކަމާއި، ޖިންސީ ކަންކަމާއި، މަސްތުވާތަކެއްޗާއި، މައިންބަފައިންނަށް އުރެދުމާއި، އެއްޖިންސުގެ ގުޅުމާއި، ކުށްކުރުމުގެ” ދޮރާށިތައް އެކުދިންގެ ސިކުނޑިތައް ދޮވެލުމުގެ ގޮތުން ހުޅުވައެވެ. ނަތީޖާއަކަށްވަނީ ހުޅަނގުގެ މުޖްތަމަޢަށް އެކުއްޖާ ނުދިޔަކަމުގައިވިޔަސް އެކުއްޖާ ހުންނަނީ ހުޅަނގުގެ ފިކުރުގެ ފެނުން ފެންވަރައިގެންނެވެ. ސްކޫލް ނުނިމެނީސް މިފަދަ ކަންތައްތަކުގެ ނަތީޖާ ފެންނަން ފަށަ އެވެ. މިއީ މާތް ރަސޫލާގެ މަތިވެރި ސިޔަރަތާއި ސަލަފުންޞާލިޙުންގެ ޢިބްރަތްތެރި ވާހަކަތަކުން ކުއްޖާގެ މުޅިދިރިއުޅުމަށް ހެޔޮ އަސަރުކުރުވާ، އެފަދަ ތަރުބިއްޔަތަކުން ތަރުބިއްޔަތު ދިނުމުގެ ބަދަލުގައި މިއަދު އަޅުގަނޑުމެންގެ ޤައުމުގެ ޙާލަތު އޮތް ގޮތެވެ.

ދަރިވަރުންގެ ދީނީ ލޯބި ކަފުންވަނީ އޭ ބުނުމަށްވުރެ މުނާސަބު ވާނީ ދަރިވަރުންގެ ދީނީ ލޯބި ކަފުން ކުރަނީޔޭ ބުނީ މައެވެ. އެހެނީ މިފަދަ ފިކުރީ ހަނގުރާމައިގެ އުކުޅުތަކަކީ ދުރާލާ ރޭވިގެން ފިޔަވަޅަކުން ފިޔަވަޅަކުން ތަންފީޒުވަމުން އަންނަ ކަންތައްތަކެވެ.

މުޖްތަމަޢުގެ ކިޔަވާދޭ މަންހަޖުގެ މޮޅުދެރަކަން މުޖްތަމަޢުގެ އަޚްލާޤުން ދެނެގަނެވޭނެ އެވެ. އެހެނީ މުޅި މުޖްތަމަޢުގެ ގޮވާން ބިނާ ވަނީ އޭގެ މަންހަޖުގެ މުޑުވަކުގެ މައްޗަށެވެ. މުޖްތަމަޢުގައި ކުށްވެރިން ގިނަވެ، ކުށްކުރުން ގިނަވެ، އަމާންކަން ގެއްލި، ލޭ އޮހޮރުވުން ޢާއްމުވެ، އިޖްތިމާޢީ ފޭރާން ވީދި، ހާޖާ ފާޖާ ވެސް ނޭނގޭ މީހުން ގިނަވީމާ އޭގެ މާނައަކީ އެ މުޖްތަމަޢެއްގައި ދެވޭ ތަޢުލީމުގައި ވަރަށް ބޮޑެތި މައްސަލަތަކެއް އެބައުޅެއެވެ. އެހެނީ ތަޢުލީމާއި ތަރުބިއްޔަތަކީ ގުޅި ލާމެހިފައިވާ ދެކަންތަކެވެ.

ތަރުބިއްޔަތެއް ނެތި ދެވޭ ތަޢުލީމަކުން މަންފާއެއް ނުކުރާނެ އެވެ. ހަމަ އެހެންމެ ތަޢުލީމާ ނުލާ ތަރުބިއްޔަތެއް ވެސް ނުކުރެވޭނެ އެވެ.

އެކަށީގެންވާ ވަރަށް ދީނީ ތަޢުލީމު ނުދެވޭ އިރު ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި އަށަގެންނެވުމުގެ ޒިންމާ އުފުލަން ޖެހޭނީ ކޮން ފަރާތަކުން ބާއެވެ؟ ބެލެނިވެރިންބާ އެވެ؟ މުދައްރިސުންބާ އެވެ؟ ސްކޫލްތަކުންބާ އެވެ؟ ތަޢުލީމީ މަންހަޖު ކޮށައިމަށާ މީހުންބާ އެވެ؟

އެންމެން ވެސް ދައްކަނީ ކުދިންގެ އަޚްލާޤީ ފެންވަރު ދަށްވާ ވާހަކަ އެވެ. ދީނީ ތަޢުލީމު ކިޔަވާނުދީ، ހުޅަނގުގެ ދީނާ ދުރު ފިކުރުތަކުގެ މަންހަޖުތައް ކިޔަވައި ދޭން ފެށިމާ އޭގެން ރިވެތި އަޚްލާޤެއް ނުނުކުންނާނެ އެވެ. އެހެނީ އެއަކީ ރިވެތި އަޚްލާޤު ހުރި އެއްޗެއް ނޫނެވެ. އެކަންވާރަކުން ނުކުންނާނީ އެކަންވާރެއްގައި ހުރި އެއްޗެއް ނޫންތޯ އެވެ؟

އެހެންވީމާ ދަރިވަރުންގެ ދީނީ ލޯބި ކަފުންކުރުމުގެ ޒިންމާ “މަންހަޖުގެ އަހުލުވެރިން” އުފުލަން ނުޖެހޭނެ ގޮތަކީ އެއީ ނެތް ގޮތެކެވެ. ލާދީނީ މަންހަޖުތައް ތަންފީޒުކޮށްގެން ދީނީ ކުދިން ނެރެވޭ ނަމަ އަލަގަހުން ފަޅާނީ ކެޔޮނިރެވެ.

މަސްދަރު: ދިސަލަފިއްޔާ