Last Updated: June 12, 20:35
Friday, June 13, 2025
ޚަބަރު

މިފްކޯގެ އިސް މަގާމަކަށް ކުރީގެ އެމްޑީ އާތިފް

މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފް ޝަކޫރު އެ ކުންފުނީގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމަށް އައްޔަންކޮށްފި އެވެ.

އޭނަ އެ މަގާމާ ހަވާލުވެވަޑައިގަތީ މި މަހުގެ 1 ގަ އެވެ. އާތިފްގެ މައިގަނޑު މަސްއޫލިއްޔަތަކީ މިފްކޯ އަށް ގެންނަން ޖެހޭ ސްޓްރެޓެޖިކް ބަދަލުތަކާ ގުޅޭ ގޮތުން މެނޭޖިން ޑިރެކްޓަރާއި ބޯޑަށް ލަފާ ދެއްވުމެވެ. މިފްކޯގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު/ސީއީއޯ އަކީ ފަރުހަތު ޝަހީރެވެ.

މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓަންޓްގެ މަގާމަށް އާތިފް އައްޔަންކުރި އިރު، އޭނަ ވަނީ 2004-2013 އަށް އެ ކުންފުނީގެ އެކި މަގާމުތައް ފުރުއްވައިފަ އެވެ.

މި ސަރުކާރުން މިފްކޯ އަށް މެނޭޖިން ޑިރެކްޓަރަކު/ސީއީއޯއެއް ހޯދަން މިދިޔަ އަހަރު އިއުލާން ކުރުމުން އޭރު އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ވެސް އާފިތު ހިމެނެ އެވެ. ނަމަވެސް އޭރު ޝަރުތު ހަމަވާ ބޭފުޅަކު ކުރިމަތިލާފައި ނުވާ ކަމަށް ބުނެ ޕީސީބީން އިއުލާން ބާތިލްކުރި އެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު މިފްކޯގެ ސީއީއޯއަކަށް އައްޔަންކުރީ ޔޫކްރޭންގެ ރައްޔިތެއް ކަމަށްވާ ޑރ. ވިތާލީ ލުބިމޮވް އެވެ. އޭނަ ވަނީ މިދިޔަ މާޗް މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.