Last Updated: June 12, 20:35
Friday, June 13, 2025
ޚަބަރު

ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާ ކުރަނީ

މިދިޔަ ހޯމަ ދުވަހު އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހީމް ފަރީދުގެ ހަނދާނުގައި ހިދުމަތް ޖަމިއްޔާ އިން މިސްކިތެއް ބިނާ ކުރަން ނިންމައިފި އެވެ.

މި މިސްކިތް ބިނާކުރަން ނިންމާފައި ވަނީ ބަންގްލަދޭޝްގަ އެވެ. ދިވެހިންގެ އެހީއާ އެކު މީގެ ކުރިން ބަންގްލަދޭޝް އާއި އެހެން ބައެއް ގައުމުތަކުގައި ވެސް މިސްކިތްތަކެއް ބިނާކޮށް ދީފައިވާ ހިދުމަތް ޖަމިއްޔާ އިން ވަނީ ފަރީދުގެ ހަނދާނުގައި ބިނާކުރަން ނިންމި މިސްކިތަށް މާލީ ގޮތުން އެހީވާން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.

އެ ޖަމިއްޔާ އިން ބުނީ އިންސާނަކު މަރުވުމަށް ފަހު ދުނިޔެ މަތީގައި އެމީހެއްގެ ޒިކުރާ އާކުރުމަށް ދިރިތިބީންނަށް އެމީހަކަށްޓަކައި ކޮށް ދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ އެމީހަކަށްޓަކައި ދެމިގެންދަނިވި ޞަދަޤާތެއް ކުރުން ކަމަށެވެ. އެގޮތުން
ރާއްޖޭގެ އިސްލާމީ ދަޢުވަތުގައި އިސް ދައުރެއް އަދާކުރެއްވި ފަރީދު ދީނަށް ކޮށްދިން ޚިދުމަތަކީ އަޅުގަނޑުމެންގެ ދުލާއި ޤަލަމުން ކިޔާދެވޭނެ ވަރަށްވުރެ އަގުހުރި މަސައްކަތެެއް ކަމަށް ޖަމިއްޔާ އިން ބުންޏެވެ.

އެހެންވެ ޝައިޚް ފަރީދުގެ ޚިދުމަތުގެ އަގު ވަޒަންކޮށް، ނިޔާވުމަށް ފަހު ވެސް އޭނަ އަށް މަންފާ ކުރާނޭ ދެމިގެންދާ ޞަދަޤާތެއް ކުރަން، އެބޭފުޅާގެ ޢިލްމުން ފައިދާކުރި ކޮންމެ ފަރުދަކު ބޭނުންވާނެ ކަމަށް ވެސް ހިދުމަތުން ބުންޏެވެ.

ޝެއިހް ފަރީދު ހޯމަ ދުވަހު ކުއްލި ގޮތަކަށް އަވަހާރަވީ މެލޭޝިއާގަ އެވެ. އޭނަ އަވާހަރަވީ ދީނީ ދައުވަތު ޕްރޮގްރާމަކަށް އެ ގައުމަަށް ވަޑައިގެންނެވިތަނާ އެއާޕޯޓްގައި ހާޓްއެޓޭކެއް ޖެހިވަޑައިގެންނެވެ.

ފަރީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު މެލޭޝިއާގައި އޮންނާނެ އެވެ.