Last Updated: June 12, 20:35
Friday, June 13, 2025
މުނިފޫހިފިލުވުން

ކީރްތީގެ ރާއްޖެ ދަތުރުގެ ފޮޓޯތަކެއް

ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ އިންޑިއާގެ ބަތަލާ ކީރްތީ ސުރޭޝް ރާއްޖޭގެ ޗުއްޓީ ދަތުރުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފި އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ފިރިމީހާ އެންތަނީ ތައްޓިލްއާ އެކު ކުރި ދަތުރުގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ވެސް ފޭސްބުކާއި އިންސްޓްގަރާމްގައި ޕޯސްޓްކޮށްފައިވެ އެވެ. އިންޑިއާގެ ދެކުނުގެ މަޝްހޫރު ބަތަލާ އާއި އެންތަނީ ކައިވެނި ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

އާންމުކޮށް ތެލެގޫ، ތަމަޅަ އަދި މަލަޔާޅަމް ފިލްމުތައް ކުޅޭ ކީރްތީ، 32، ގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ ވަރޫން ދަވަނާ އެކު ކުޅުނު މިދިޔަ އަހަރުގެ "ބޭބީ ޖޯން" އެވެ.

އޭނަ އަށް ނެޝަނަލް އެވޯޑް ލިބުނީ 2018 ގެ ތެލެގޫ ފިލްމު "މަހާނަތީ" ގައި ކުޅުނު ރޯލުންނެވެ.

މިދިޔަ އަހަރު ޕްރަބާސް އާއި ދީޕިކާ ޕަދްކޯންގެ "ކަލްކީ: 2898 އޭޑީ" ގެނެސްދިން ޑައިރެކްޓަރު ނާގް އަޝްވިން ހެދި އެ ބައޮގްރަފިކަލް ޑްރާމާގައި ކީރްތީ ކުޅެފައި ވަނީ ދެކުނުގެ ކުރީގެ ބަތަލާ ސާވިތުރީގެ ރޯލެވެ.

ކީރްތީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ރިވޯލްވާ ރީޓާ" އާއި "ކައްނިވެޑީ" ހިމެނެ އެވެ. މި ދެ ފިލްމަކީ ވެސް ތަމަޅަ ފިލްމުތަކެވެ.

އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިން މިހާރު ރާއްޖެ އަށް ޗުއްޓީ އަށް އަންނަ އިރު، އެ ގައުމަކީ މިހާރު ރާއްޖެ އަށް ހަ ވަނަ އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. ބައިނަލްއަގުވީ މާކެޓްތަކުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި އިންޑިއާގެ ބަތަލާއަކު ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

އެއީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފެވެ.