މަސްތުވާތަކެއްޗަށް ފަރުވާދޭ ހުޅުމާލެ ހާފްވޭ ހައުސްގައި މަސްތުގެ ހާލަތުގައި ތިބި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ކުރި ރިޕޯޓައި ގުޅިގެން ހާފްވޭ ހައުސް ބަލައި ފާސް ކުރުމުގެ ތެރޭގައި އެ ތަނުގައި މަސްތުގެ ހާލަތުގައި ތިއްބައި ހައްޔަރުކުރީ އދ. މަހިބަދޫ، ރެޑްރޯޒް، އަބްދުﷲ ޝާފިއު، 33 އާއި ގއ. ކަނޑުހުޅުދޫ، ވިދާތަރި، އިކްލީލް އިބްރާހިމް، 42. ކަމަށެވެ.
އެ ދެ މީހުންގެ ކުޑަކަމުދާ ތަކެތި ވަގުތީ ނަތީޖާއިން އޯޕީއައި، ބެންޒޯއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންގެ ބަންދަށް ވެސް 10 ދުވަސް ޖަހާފައިވެ އެވެ.
ބަންދުގެ މުއްދަތު މަޖިލީހުގައި އެ މީހުން ވަނީ މަސްތުވާތަކެތި ބޭނުންކުރި ކަމަށް އިންކާރުކޮށް، ފަރުވާ ހޯދުމަށް ހާފްވޭ ހައުސްގައި ދޭ ބޭހަކުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެދާނެ ކަމަށް ބުނެފަ އެވެ.