Last Updated: June 12, 20:35
Friday, June 13, 2025
ދުނިޔެ

ޖެޓްސްޓާ އޭޝިއާގެ ދަތުރުތައް ހުއްޓާލަނީ

ސިންގަޕޫރްގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ޖެޓްސްޓާ އޭޝިއާގެ ދަތުރުތައް ހުއްޓާލަން ނިންމާލައިފި އެވެ.

މީގެ 20 އަހަރު ކުރިން ހިދުމަތަށް ނުކުތް އެއާލައިންގެ ދަތުރުތައް ހުއްޓާލަން ނިންމާފައި ވަނީ އަންނަ މަހުގެ 31 އިން ފެށިގެންނެވެ. އެހެންވެ އޭގެ ފަހުން ދަތުރު ކުރަން ދުރާލައި ޓިކެޓް ނަގާފައިވާ މީހުންނަށް އަނބުރާ ފައިސާ ދޭނެ ކަމަށް ޖެޓްސްޓާ އޭޝިއާ އިން ބުންޏެވެ.

މި އެއާލައިންގެ ދަތުރުތައް ހުއްޓާލަން ނިންމީ އޮޕަރޭޝަނަށް ކުރަން ޖެހޭ ހަރަދުތައް ބޮޑުވުމާއި ވާދަވެރި މާކެޓްގައި ފައިހަމަކުރަން ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ހެދި އެވެ. ޖެޓްސްޓާ އޭޝިއާގެ ދަތުރުތައް ބާއްވާ ގައުމުތަކުގެ ތެރޭގައި މެލޭޝިއާ، އިންޑޮނީޝިއާ، ފިލިޕީންސް ތައިލޭންޑް، ވިއެޓްނާމް، މިއަންމާ އަދި ކެމްބޯޑިއާ ހިމެނެ އެވެ.

ޖެޓްސްޓާ އޭޝިއާ ހުއްޓާލާ އިރު، 500 އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ އެވެ.

ޖެޓްސްޓާ އެއާވޭސް އަކީ ގަންޓަސް އެއާވޭސް ސަބްސިޑަރީއެކެވެ. އެހެންވެ ޖެޓްސްޓާ އޭޝިއާ ހުއްޓާލާތީ ވަޒީފާ ގެއްލޭ މުވައްޒަފުންނަށް ގަންޓަސްގެ ދަށުން އިތުރު ފުރުސަތުތަކެއް ފަހިކޮށް ދޭނެ އެވެ.

މި ސަބްސިޑަރީގެ ދަށުން އޮޕަރޭޓްކުރާ އެއާލައިންތަކުގެ ތެރޭގައި ޖެޓްސްޓާ އޮސްޓްރޭލިއާ އާއި ޖެޓްސްޓާ ޖަޕާން ހިމެނެ އެވެ.