Last Updated: June 13, 18:07
Friday, June 13, 2025
މުނިފޫހިފިލުވުން

ސޮނާކްޝީގެ ރާއްޖެ ދަތުރު ޔޫޓިއުބަށް

އިންޑިއާގެ ބަތަލާ ސޮނާކްޝީ ސިންހާގެ ދެމަފިރިން އެންމެ ފަހުން ރާއްޖެ އަށް ކުރި ދަތުރުގެ ވީޑިއޯ އޭނަގެ ޔޫޓިއުބް ޗެނަލަށް މިއަދު ދޫކޮށްލައިފި އެވެ.

ސޮނާކްޝީ އާއި ޒަހީރު އިގްބާލް އެންމެ ފަހުން ރާއްޖެ އަށް އައީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެއީ ގާތް ބައެއްގެ ކައިވެނީގެ 10 ވަނަ އެނިވާސަރީ ފާހަގަ ކުރުމުގެ ގޮތުންނެވެ. އޭރު އެ މީހުން ތިބީ ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގަ އެވެ. އެ ދަތުރުގެ ފޮޓޯތަކެއް އޭރު ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް ސޮނާކްޝީ ބުނީ ރާއްޖެ އެ ދަތުރަކީ އެންމެ ކުރު އެންމެ ހާއްސަ ދަތުރު ކަމަށެވެ.

ސޮނާކްޝީ އަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން ރާއްޖެ އަށް އެންމެ ގިނައިން އަންނަ އެކެކެވެ. އެގޮތުން ޒަހީރާ ކައިވެނި ކުރުމުގެ ކުރިން ވެސް ވަކިންނާއި އެކީގައި އެކި ފަހަރު މަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

ސޮނާކްޝީ އާއި ޒަހީރު ކައިވެނި ކުރީ މިދިޔަ އަހަރު އެވެ. ސަލްމާން ޚާންގެ 2010 ގެ "ދަބަންގް" އިން ބޮލީވުޑަށް ނުކުތް ބަތަލާ އަކީ ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރުގަން ސިންހާގެ ތިން ކުދިންގެ ތެރެއިން ހަމައެކަނި އަންހެން ދަރިފުޅެވެ. ސޮނާކްޝީގެ އެންމެ ފަހުގެ ފިލްމަކީ ޒީ5 އިން މިދިޔަ އަހަރުގެ މާޗްގައި ގެނެސްދިން ކޮމެޑީ ހޮރޯ "ކަކުޑާ" އެވެ.

އޭނަގެ ކުރިއަށް އޮތް ފިލްމަކީ ބޭބެ ކުޝް ސިންހާ ޑައިރެކްޓްކޮށްފައިވާ "ނިކިތާ ރޯއި" އެވެ. ދާދި ފަހުން ސޮނާކްޝީ ވަނީ "ޖަތަދަރާ" ކިޔާ ތެލެގޫ ފިލްމެއްގެ މަސައްކަތް ވެސް ނިންމައިފަ އެވެ.