އެކަމަނާގެ އަޞްލު ނަންފުޅަކީ އަމަތުލް ޢަޒީޒެވެ. ބުރުސޫރަފުޅުގެ ރީތިކަމާއި ތޫނުފިލިކަން އެކަމަނާގެ ޝަޚްސިއްޔަތުގައި ޖަމާވެފައިވެ އެވެ. ޢިލްމީ ދިރާސާކުރައްވާ ޢިލްމުވެރިންނަށް އެކަމަނާގެ އަމިއްލަ ޚަރަދުގައި މުސާރަދެއްވަވަ އެވެ.
ގިނަގިނައިން ޙައްޖުވުމަށް އެ ކަމަނާ ލޯބިކުރައްވަވަ އެވެ. ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި އެކަމަނާގެ ފިރިކަލުންނާ އެކު ބަޣްދާދުން މައްކާއަށް ހިންގަވާފައި ވަޑައިގެންފައިވެއެވެ. ބަޢްދާދުން މައްކާއަށް އެޒަމާނުގެ ދެވޭނީ 900 މޭލުގެ ރާސްތާއެއް ކަޑައްތުކޮށްފަ އެވެ.
އެކަމަނާގެ އެންމެ ފާހަގަކޮށްލެވޭ ޚިދުމަތަކީ ބަޣްދާދުން މައްކާއަށް ދަތުރުކުރެވޭ މަގެއް ހެދުމެވެ. މި މަޝްރޫޢު ޕްލޭންކޮށް، ވިލަރެސްކޮށްފައި ވަނީ ޚުދު އެކަމަނާ އަމިއްލަފުޅަށެވެ. މި މަޝްރޫޢު އެކަމަނާ ފެއްޓެވީ އެއްފަހަރަކު ކުރެއްވި ހައްޖު ދަތުރެއްގައި ފެނުނު މަންޒަރުތަކުންނެވެ. އެ ދަތުރުގައި ފެނިވަޑައިގަތީ އޭރު ބަޣްދާދުން މައްކާއަށް ދާން އޮންނަ މަގު ގެ ޙާލަތުދަށްކަމުން ބައެއް ޙައްޖުވެރިން ކަރުހިއްކައިގަނެގެން މަރުވަމުންދާ ތަނެވެ. އަނެއް ބަޔަކަށް މަގު އޮޅި، ވެލީގެ ޠޫފާންތަކުގައި ގެއްލުމާއި ހަލާކާއި ކުރިމަތިވަމުންދާ ތަނެވެ.
މި މައްސަލަތައް ޙައްލު ކުރެއްވުމަށްޓަކައި މަގުގެ ދެފަރާތުގައި ފެން ވަޅުތަކާއި، މެހެމާންސަރާތަކާއި، ވެލީގެ ޠޫފާންތަކުން ރައްކާތެރިކަން ހޯދަން ވަންނާނޭ ޢިމާރާތްތައް ޤާއިމުކުރެއްވެވި އެވެ.
ބާރަސަތޭކަ ކިލޯމީޓަރުގެ މި މަގު ހަދާ ނިމުނުއިރު މަގުގެ އެކި ހިސާބުގައި ސާޅީހަކަށް މިސްކިތްތަކާއި، މެހެމާންސަރާތަކާއި، ފުލުހުންގެ މަރުކަޒުތަކާއި، ފެންބޯވަޅުތަކާއި، ޙައްޖުވެރިންނަށް ކާބޯތަކެތި ފޯރުކޮށްދޭ މަރުކަޒުތައް ބިނާކުރެވިފައިވެ އެވެ. ދަތުރުވެރިންނަށް އިތުރަށް ފަސޭހަކޮށް ދިނުމަށްޓަކައި މުންނާރުތަކާއި ކިއްލާތައް ވެސް ބިނާ ކުރެވުނެވެ.
މިމަގު ގެ ފަސޭހަތައް ހާސްއަހަރަށް ވުރެ ގިނަ ދުވަހު އެ މަގުން ދަތުރުކުރި ދަތުރުވެރިންނަށް ލިބުނެވެ. އަދި އަދަށްދާންދެން ވެސް އެ މަގުގެ އާސާރުތައް ފެންނަން އެބަހުއްޓެވެ.
އިރާޤު، އީރާން، އަފްޣާނިސްތާން،ކުރްދިސްތާން، ތަޖްކިސްތާން އަދި އުޒްބެކިސްތާންގެ ހައްޖުވެރިން ޢާއްމުކޮށް ދަތުރުކުރި މި މަގުގެ ބަނދަރުތައް ކޫފާ، ނަޖަފް، ޤާދިސިއްޔާ، ذات عرق، ބުސްތާން އަދި މަދީނާގައި ޤާއިމުކުރެވިފައިވެއެވެ. ބުނެވޭ ގޮތުގައި މި މަޝްރޫޢުއަށް 5950 ކިލޯގްރާމްގެ ރަނުގެ އަގަށްވާ ފައިސާ ހޭދަކުރެވިފައިވެއެވެ. މިފަދަ ތަނަވަސް ކަމެއް އޭރުގެ އިސްލާމީ ދައުލަތަށް ލިބިފައިވާނޭ ކަމާއިމެދު ޝައްކު ކުރާނެ ޖާގައެއް ނެތެވެ.
އެހެނީ އެކަމަނާގެ ފިރިކަލުން ޚަލީފާ ހާރޫނުއްރަޝީދުގެ ދައުލަތަކީ، ދައުލަތްތަކުގެ ތެރެއިން އެންމެ ފުރިހަމަ، އެންމެ ފެންވަރުރަނގަޅު، ތަނަވަސް ހައިބަތުކަން ބޮޑު ދައުލަތެކެވެ. އަދި ޚަލީފާ ހާރޫނުއްރަޝީދުވަނީ ދުނިޔޭގެ ބޮޑުބައެއް އެމަނިކުފާނުގެ ބާރުފުޅުގެ ދަށަށް ގެންނަވައިފަ އެވެ.
ޒުބައިދާގެ އަމުރުފުޅަށް މައްކާގެ ފެނުގެ ނިޒާމު ޤާއިމުކުރުމަށްޓަކައި ދެ މިލިޔަން ދީނާރު ޚަރަދު ކުރެވުނެވެ. މި ގޮތުން ފާހަގަކޮށްލެވޭ އެއް މަޝްރޫޢު އަކީ މައްކާގެ ރަށް ބޭރުގައިވާ ޙުނައިން ވާދީން މައްކާއަށް ފެން ފޯރުކޮށް ދިނުމުގެ މަޝްރޫޢުއެވެ.
މިގޮތުން ބިނާކުރެވުނު ފެންފާލަމުގެ ދިގުމިނުގައި 95 ކިލޯމީޓަރު ހުރެ އެވެ. އެއީ މާލެއިން ފެށިގެން އދ. ދިގުރަށާއި ހަމައަށް ހުންނަ ދުރުމިނެވެ.
މި ކަމަނާގެ ހަޔާތްޕުޅުން ހިތްވަރުލިބި، އުއްމަތުގެ އަންހެންދަރިންވެސް އިސްލާމީ ޝަރީއަތާއި ޚިލާފްނުވާނޭ މަގުން އުއްމަތަށް ޚިދުމަތްކުރާބަޔަކަށް ވާން އެބަޖެހެއެވެ. މީސްތަކުންނަށް މަންފާ ބޮޑެތި ކަންކަންކުރުމުގައި މަޝްޣޫލުވާން އެބަޖެހެއެވެ.
عن الحسين بن علي بن أبي طالب:) إنَّ اللهَ تعالى يُحِبُّ مَعاليَ الأُمورِ، وأَشرافَها، ويَكرَهُ سَفْسافَها (صحيح الجامع
”ހަމަކަށަވަރުން އެކަންކަމުގެ މަންފާ ބޮޑު ބޮޑެތި އަދި ޝަރަފުވެރި ކަންކަމުގައި ތިޔަބައިމީހުން މަޝްޣޫލްވުމަކީ މާތް ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަންބޮޑުވެގެންވާ ކަމެކެވެ. ބޭކާރު ކުދިކުދި ކަންކަމުގައި ތިޔަބައިމީހުން މަޝްޣޫލުވުމަކީ އެކަލާނގެ ނުރުއްސަވާ ކަމެކެވެ.”
މަސްދަރު: އިލްމު.އެމްވީ