Last Updated: June 15, 05:54
Sunday, June 15, 2025
ޚަބަރު

ފަރީދުގެ ހަނދާނީ މިސްކިތް ރާއްޖެ އަށް މާ އައުލާކަން ބޮޑު

ޝެއިހް އިބްރާހީމް ފަރީދުގެ ހަނދާނުގައި ރާއްޖެ އިން ބޭރުގައި މިސްކިތެއް ބިނާކުރުމަށް ވުރެ އެ މިސްކިތް ރާއްޖޭގައި ބިނާކުރުން މާއައުލާކަން ބޮޑު ކަމަށާއި އެކަމަށް އިސްލާމިކް މިނިސްޓްރީން އެހީވާން ވެސް ތައްޔާރަށް އޮތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު ކުއްލި ގޮތަކަށް ފަރީދު އަވަހާރަވުމާ ގުޅިގެން ހިދުމަތް ޖަމިއްޔާ އިން ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަން ނިންމައި އެކަމަށް އެހީވާން ހުޅުވައިލުމާ އެކު މިސްކިތަށް ހަރަދުވާނެ ކަމަށް އަންދާޒާކުރި ފައިސާ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލިބުމާ ގުޅިގެން ޖަމިއްޔާ އިން އެކަމަށް ޝުކުރު އަދާކޮށް ކުރި ޕޯސްޓަކާ އެކު ޝަހީމު ވިދާޅުވީ ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާ ކުރަން ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.

"ޝެއިހްގެ ހަނދާނެއް ރާއްޖެ އިން ބޭރުގައި ހުރުމަށް ވުރެ ރާއްޖޭގައި ހުރުން މާ އައުލާކަން ބޮޑު." މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމު ވިދާޅުވީ އެ މިސްކިތް ވާން ޖެހޭނީ ޝެއިހް ފަރީދު ކުރެއްވި މަސައްކަތް ދިރުވާނެ ވަގްފަކަށް ކަމަށެވެ.

"މިކަމުގައި ތިޔަ ޖަމިއްޔާ އިން ބޭނުންވާ އެންމެހާ ކަމެއްގައި މިނިސްޓްރީން އެހީވާނަން،" އޭނަ ވިދާޅުވި އެވެ. "މިގޮތަށް މިސްކިތް ބިނާކުރާނެ ތަނެއް ހަމަޖެއްސުމާއި މާލީ ގޮތުން ވެސް ދެވެން އޮތް އެހީތެރި ކަމެއް އަރުވާނަން."

ހިދުމަތް ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރަން ނިންމީ 455 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެގޮތުން 250 އަކަފޫޓްގެ ބިމެއްގައި އިމާރާތްކުރާ އެ މިސްކިތަށް ހަރަދުވާނެ ކަމަށް އަންދާޒާކުރި އަދަދަކީ 760،000ރ. އެވެ.

އެ ފައިސާ އެއްކުރަން ހުޅުވައިލިތާ 24 ގަޑިއިރު ވެސް ނުވަނީސް ފައިސާ ހަމަވެފައިވާ އިރު، މިކަމަށް އެހީތެރިކަން ފޯރުކޮށް ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަދިވެސް އޮތް ކަމަށް ހިދުމަތް ޖަމިއްޔާ އިން ބުންޏެވެ. އެ ޖަމިއްޔާ އަކީ މީގެ ކުރިން ވެސް ދިވެހިންގެ އެހީއާ އެކު ބަންގްލަދޭޝް އާއި އެހެން ބައެއް ގައުމުތަކުގައި ވެސް މިސްކިތްތަކެއް ބިނާކޮށް ދީފައިވާ ޖަމިއްޔާއެކެވެ.