މިދިޔަ ހޯމަ ދުވަހު އަވަހާރަވި ޝެއިހް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރަން ނިންމައިފި އެވެ.
ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަން ނިންމައި އެކަމަށް ފައިސާ ހަމަކުރި ހިދުމަތް ޖަމިއްޔާ އިން ބުނީ، ފަރީދުގެ ހަނދާނީ މިސްކިތަށް އެހީވާން ވަރަށް ގިނަ ބަޔަކު އެދެމުން އަންނާތީ ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރަން ނިންމީ ކަމަށެވެ.
އެހެންވެ އެކަމަށް މާލީ ގޮތުން އެހީވުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވެސް ވިދާޅުވީ ފަރީދުގެ ހަނދާނުގައި ރާއްޖޭގައި މިސްކިތެއް ބިނާކުރުން ރާއްޖެ އިން ބޭރުގައި ބިނާކުކުރުމަށް ވުރެ އައުލާކަން ބޮޑެވެ. އެހެންވެ އެކަމުގައި ހިދުމަތް ޖަމިއްޔާ އިން ބޭނުންވާ އެންމެހާ ކަމެއްގައި މިނިސްޓްރީން އެހީވާނެ ކަމަށް ވިދާޅުވި އެވެ.
ޝަހީމު ވިދާޅުވީ މިސްކިތް ބިނާކުރާނެ ތަނެއް ހަމަޖެއްސުމާއި މާލީ ގޮތުން ވެސް ދެވެން އޮތް އެހީތެރި ކަމެއް ދޭނެ ކަމަށެވެ.
ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރަން ނިންމީ 455 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެގޮތުން 250 އަކަފޫޓްގެ ބިމެއްގައި އިމާރާތްކުރާ އެ މިސްކިތަށް ހަރަދުވާނެ ކަމަށް އަންދާޒާކުރި އަދަދަކީ 760،000ރ. އެވެ