ޔޫއޭއީގެ މަގުބޫލު ސެންޓް ބްރޭންޑެއް ކަމަށްވާ އަޖްމަލް ޕާފިއުމްސްގެ އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި، ސައިފް އަލީ ޚާން ހަމަޖައްސައިފި އެވެ.
މިކަމާ ބެހޭ ގޮތުން އަޖްމަލް ފާމިއުސްގެ ސީއީއޯ އަބްދުﷲ އަޖްމަލް ވިދާޅުވީ އެ ބްރޭންޑްގެ އެމްބެސެޑަރަކަށް ސައިފް ހަމަޖެއްސީ އޭނަ އަކީ އެ ބްރޭންޑާ ވަރަށް ގުޅޭ ކަހަލަ ޝަހުސިއްޔަކަށްވާތީ ކަމަށެވެ. އަދި އަޖްބަލްގެ ބްރޭންޑަށް ސައިފް ގެނެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވި އެވެ.
"ސައިފާ އެކު މި ސެންޓްގެ ޕްރޮމޯޝަނަލް ކެމްޕޭންތަކެއް ވަރަށް ފުޅާކޮށް ކުރިއަށް ގެންދާނެ،" އަބްދުﷲ ވިދާޅުވި އެވެ. "އުންމީދަކީ ސައިފާ އެކު ކުރެވޭ މަސައްކަތުގެ ސަބަބުން އަޖްމަލް ބްރޭންޑް ސެންޓަށް އޮތް މަގުބޫލުކަން ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށް."
ސައިފް ބުނީ އޭނަ އަކީ އަޖްމަލް ސެންޓް ބޭނުން ކުރާ މީހެއް ކަމަށާއި އެ ބްރޭންޑް އަބަދު ވެސް ވަރަށް މަގުބޫލު ކަމަށެވެ.
"އެހެންވެ އޭގެ އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަން ލިބުމަކީ ފަހުރެއް ވެސް މެ." ކާމިޔާބު އެކްޓަރު ބުންޏެވެ.
ކުރީެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރްގެ ދަރިފުޅު، ސައިފަކީ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރްގެ ފިރިމީހާ އެވެ. އަދި ސައިފަކީ ފިލްމީ ތަރިން ކަމަށްވާ ސާރާ އަލީ ޚާނާއި އިބްރާހީމް އަލީ ޚާން (އިގީ) ގެ ބައްޕަ އެވެ.
ސައިފް، 54، ގެ އެންމެ ފަހުގެ ފިލްމަކީ އެޕްރީލްގައި ނެޓްފްލިކްސް އިން ގެނެސްދިން ހެއިސްޓް ތުރިލާ "ޖުވެލް ތީފް" އެވެ.