ކުޅުދުފުށި ރަމްޒުކޮށްދޭ މޮނިއުމަންޓެއް އެ ސިޓީގައި ބަހައްޓަން ނިންމާފައިވާތީ މޮނިއުމަންޓް ޑިޒައިން ކުރަން އާންމުކޮށް ހުޅުވާލައިފި އެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ ހޮވޭ ޑިޒައިނަށް އިނާމެއްގެ ގޮތުގައި 5،000ރ. ލިބޭނެ ކަމަށެވެ.
މޮނިއުމަންޓް ވާން ޖެހޭނީ ކުޅުދުއްފުށި ރަމްޒުކޮށްދޭ ބަލާލަން ރީތި، އިސްލާމް ދީނާއި އާންމު އިޖުތިމާއީ މިންގަނޑުތަކަށް ފެތޭ ކަހަލަ އެއްޗަކަށް ކަމަށް ކައުންސިލުން ބުންޏެވެ.
މޮނިއުމަންޓް ބަހައްޓަން ހަމަޖެހިފައި ވަނީ ކުޅުދުއްފުށީ ބަނދަރުމަތީގަ އެވެ.
ކައުންސިލުން ބުނީ މޮނިއުމަންޓް ޑިޒައިންކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 11 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރުންތަކުން 6527162، 6527210 ހޯދޭނެ އެވެ.
ރާއްޖޭގެ ރަށްރަށުގެ މަލަމަތީގައި މިހާރު އެ ރަށެއް ރަމްޒުކޮށްދޭ ކަހަލަ މޮނިއުމަންޓްތައް ބެހެއްޓުން ވަރަށް ބޮޑަށް އާންމުވެފައިވެ އެވެ.