ހއ. ހޯރަފުށީގައި ހަދާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލާފައި ނުވާ ކަމަށާއި އެ މަޝްރޫއު ވަރަށް އަވަހަށް ނިންމާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި މުވައްޒަފުން ވަކިކުރި ކަމަށްބުނެ، ހޯރަފުށީ ކައުންސިލުން އިއްޔެ ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، އެކަމާ ގުޅިގެން ފެނަކަ އިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ މަޝްރޫއު ހުއްޓާލި ވާހަކައިގައި ހަގީގަތެއް ނެތް ކަމަށެވެ.
ފެނަކަ އިން ބުނީ ބޮޓްލިން ޕްލާންޓް މަޝްރޫއުގެ މަސައްކަތް 2019 ގައި ތައްޔާރުވި ނަމަވެސް، އެ މަސައްކަތަށް ކަނޑައެޅި 20،000-30،000 އަކަފޫޓްގެ ބިމުގެ ވަށައިގެންވާ އިންފާރެއް ރޭނުން ފިޔަވައި އިތުރު މަސައްކަތެއް ނުހިނގައި ދެ އަހަރެއްހާ ދުވަސް ހޭދަވެފައިވާ ކަމަށެވެ.
އަދި 2020 އާއި 2021 ވަނަ އަހަރު ވެސް ނިމިގެންދިޔައީ އިތުރު އެއްވެސް މަސައްކަތެއް ނުކުރެވި ކަމަށާއި 30 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް އެ ކުންފުނިން ފައިސާ ހަރަދުކުރެވުނު އިރު، 2023 ގެ ރިޔާސީ އިންތިހާބާ ހަމައަށް ނިންމައިލެވުނީ ހަމައެކަނި 70 ޕަސެންޓް މަސައްކަތް ކަމަށް ފެނަކަ އިން ބުންޏެވެ.
ހޯރަފުށީ ބޮޓްލިން ޕްލާންޓަކީ އިންޑިއާގެ ހިލޭ އެހީއާއެކު ފެނަކަ އާއި ހޯރަފުށީ ކައުންސިލާ ދެމެދު 2019 ގައި އެއްބަސްވުމެއް ހަދައި ކުރިއަށް ގެންދަން ނިންމި މަޝްރޫއެކެވެ.
ފެނަކަ އިން ބުނީ އެ މަޝްރޫއު ހިންގުމަށް 36.7 މިލިއަން ރުފިޔާ ހަރަދުވެފައިވާ އިރު، އިންޑިއާ އިން ދިން ނުވަ މިލިއަން ރުފިޔާގެ އެހީ އިން އެ މަޝްރޫއަށް ކައުންސިލުން ހިއްސާކޮށްފައި ވަނީ 2.4 މިލިއަން ރުފިޔާ ކަމަށެވެ. އަދި ބާކީ 34.3 މިލިއަން ރުފިޔާ ހަރަދުކުރީ ސީދާ އެ ކުންފުނިން ކަމަށް ބުންޏެވެ.
ބޮޓްލިން ޕްލާންޓު އިމާރާތުގައި މުވައްޒަފުން ތިބޭނެ ގޮނޑިއާއި މޭޒު ހުރި ނަމަވެސް، މުވައްޒަފުން މަސައްކަތްކުރަން ބޭނުންވާ މެޝިނަރީގެ ބޮޑު ބައި ހުރީ ރާވައި ނުނިމި ކަމަށާއި އަދި އިމާރާތުގެ އެތެރޭގައި ނިންމަން ޖެހޭ އިމާރާތްކުރުމުގެ ބައެއް މަސައްކަތްތައް ވެސް ހުރީ ނިންމަން ޖެހިފައި ކަމަށް ފެނަކަ އިން ބުންޏެވެ.
"ކުންފުނީގެ މާލީ ހާލަތަށް ރިއާޔަތްކޮށް، މަސައްކަތެއް ނެތް ގޮތުގައި ތިބި މުވައްޒަފުންނަށް މުސާރަ ދެމުންގެން ދިއުމަކީ މި ވަގުތު މި ކުންފުންޏަށް ކުރެވެން އޮތް ކަމަކަށް ނުވާތީ، އެ މުވައްޒަފުން ވަކިކުރުމަށާއި، ނަމަވެސް މި މަޝްރޫއު ހުއްޓައިނުލުމަށް ކުންފުނީގެ ބޯޑުން ވަނީ ނިންމާފައި. މި ނިންމުމާ އެއްގޮތަށް، މި މަޝްރޫއުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން މި ކުންފުނިން އަރުވަން،" ފެނަކަ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ އެތަނުހެ ޓެކްނިކަލް ޓީމެއް ހޯރަފުއްޓަށް ގޮސް، މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށްޓަކައި ކުރަން ޖެހޭ ކަންކަން ބެލުމަށްފަހު، އަންނަ މަހު މަޝްރޫއުގެ މަސައްކަތް ފަށައި، ވަރަށް އަވަހަށް ނިންމައިލެވޭނެ ކަމަށެވެ.
ފެނަކަ އިން ބުނީ ބޮޓްލިން ޕްލާންޓުގައި ކުރަންހުރި މަސައްކަތްތައް ނިމުނުހާ އަވަހަކަށް، އެތަން ހިންގުމަށް ބޭނުންވާ މުވައްޒަފުން ނަގަން އިއުލާން ކުރާނެ އެވެ.
Thankful to Govt of President @ibusolih for the honour to participate in setting up a ‘Bottled-Water Plant’ at #Hoarafushi that will enhance water security in the northern Atolls & promote sustainable dvpt at island level#WorldOceansDay @MoFAmv@SalleHoarafushi @TeamFenaka pic.twitter.com/yiGA3c9JyI
— India in Maldives (@HCIMaldives) June 8, 2021
މި މަޝްރޫއު ހުއްޓާލި ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް އިއްޔެ އެމްޑީޕީން ވެސް ބަޔާނެއް ނެރުނެވެ.
ބިއްލޫރި ފުޅީގައި ފެން ބަންދު ކުރަން ހަދާ ހޯރަފުށީ ބޮޓްލިން ޕްލާންޓަކީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން ހިންގާ މަޝްރޫއުގެ ދަށުން ހިންގަން ނިންމި މަޝްރޫއެކެވެ. އެއީ ދުވާލަކު 10،000-12،000 ދެމެދުގެ އަދަދަކަށް ފެންފުޅި އުފެއްދޭނެ ތަނެކެވެ.