ޝާހްރުކް ޚާނާ އެކީ އަދިވެސް މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި ދެ މީހުންނަށް އެކީގައި ކުޅެވޭނެ ފިލްމެއް ލިބޭނެކަމުގެ އުންމީދުގައި ހުރި ކަމަށް ބަތަލާ ކާޖޮލް ބުނެފި އެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ މި ޖޯޑަކީ ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ޖޯޑެވެ.
މި މަހުގެ 27 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ކާޖޮލްގެ ފުރަތަމަ ބިރުވެރި ފިލްމު "މާ" ގެ ޕްރޮމޯޝަންގެ ތެރެއިން އިއްޔެ ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި 50 އަހަރުގެ ބަތަލާ ބުނީ އެ މީހުންގެ އުމުރާ ގުޅޭ އަދި މި ޒަމާނަށް ފެތޭ ލޯބީެ ފިލްމެއް ޝާހްރުކްއާ އެކު ކުޅެން ބޭނުންވާ ކަމަށެވެ.
"އަހަރެން އުންމީދު ވެސް ކުރަން މެޗްއާޑް ލަވްސްޓޯރީއެއް ކުޅެން ދެ މީހުންނަށް ފުރުސަތެއް ލިބޭނެ ކަމަށް." އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުން ބުންޏެވެ.
ކާޖޮލް ބުނި ގޮތުގައި ޝާހްރުކާ އެކީ މަސައްކަތް ކުރުމަކީ އަބަދު ވެސް ވަރަށް މަޖާ އަދި ފަސޭހަ ކަމެކެވެ. އަދި ކުރީގެ ތަޖުރިބާތައް ވަރަށް ހިތްގައިމު ކަމަށް ވެސް ބުންޏެވެ.
މި ދެ ތަރިން އެންމެ ފަހުން އެކީގައި ކުޅުނު ފިލްމަކީ 2015 ގެ "ދިލްވާލޭ" އެވެ. ޝާހްރުކާއި ކާޖޮލް އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ބާޒީގާރް"، ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލް)، "ކަރަން އަރުޖުން"، "ކުޗް ކުޗް ހޯތާ ހޭ"، "ކަބީ ހުޝީ ކަބީ ޢަމް" އަދި "މައި ނޭމް އިޒް ޚާން" ހިމެނެ އެވެ.