ހުއްދަ ނެތި ގައިދީއަކު ޖަލުން ދޫކޮށްލި މައްސަލައެއްގައި ސްރީ ލަންކާގެ ޖަލުގެ އިސްވެރިޔާ ތުޝާރާ އުޕުލްދެނިޔާ ސަސްޕެންޑްކޮށްފި އެވެ.
މީޑިއާތަކުން ބުނީ މުއްދަތެއް ނެތް ގޮތަށް އޭނަ ސަސްޕެންޑްކުރީ ލަންކާގެ ރައީސަށް ލިބިދޭ ބާރުގެ ދަށުން މައާފު ދިނުމަށް ހަމަޖެހިފައި ނެތް ގައިދީއަކު ދޫކޮށްލި މައްސަލައިގައި ކަމަށެވެ.
މި އަހަރުގެ ތެރޭގައި 388 ގައިދީއަކަށް ރައީސް މައާފު ދެއްވަން ހަމަޖެހިފައިވާ އިރު، މައާފު ދޭން ހަމަޖެހިފައިވާ ގައިިދީންގެ ލިސްޓެއް ޖަސްޓިސް މިނިސްޓްރީން މުރާޖާކޮށް، އެ ލިސްޓް އަލުން ރައީސަށް އޮތީ ފޮނުވައިގަ އެވެ.
ނަމަވެސް ޖަލުގެ އިސްވެރިޔާގެ އަމުރަށް ދޫކުރި ގައިދީ އަކީ ލިސްޓްގައި ނުހިމެނޭ މީހެކެވެ. އަދި ދޫކުރި އެ ގައިދީ އަކީ މަކަރާއި ހީލަތުގެ މައްސަލައެއްގައި އަނޫރަދަޕޫރާ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެކެވެ.
މި އެ މައްސަލަ މިހާރު ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ތަހުގީގު ކުރަމުން އަންނަ އިރު، ތުޝާރާ މިހާރު ހުރީ ބަންދުކޮށްފަ އެވެ.