Last Updated: June 14, 18:14
Saturday, June 14, 2025
ޚަބަރު

އޭއީއެޗްގެ ކެތު ލެބް ހިންގާނެ ބަޔަކު ހޯދަނީ

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ގާއިކޮށްފައިވާ ކެތު ލެބް މޭނޭޖްކޮށް އޮޕަރޭޓްކޮށް ދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފި އެވެ.

އެ ހޮސްޕިޓަލްގެ އެދުމުގެ މަތިން ފިނޭންސް މިނިސްޓްރީން މިކަން އިއުލާންކޮށް ބުނީ ކެތު ލެބް ހިންގަން ބަޔަކު ބޭނުން ވަނީ ފަސް އަހަރުގެ މުއްދަތަށް ކަމަށެވެ.

އެހެންވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ފިނޭންސް މިނިސްޓްރީން ވުނީ ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ މި މަހުގެ 18 ގެ ކުރިން މެންދުރު ފަހު 1:00 ގެ ކުރިން މި މެއިލް އަށް ibrahim.aflah@finance.gov.mv ސުވާލުތައް ފޮނުވަން ޖެހެ އެވެ.

އޭއީއެޗްގެ ކެތު ލެބްގެ މަސައްކަތް ނިންމައިލީ 2023 ގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެތަނުން ކޮރޮނަރީ އެންޖިއޯގްރަފީ އާއި އިންވޭސިވް އަދި ނޮން-އިންވޭސިވް ފަރުވާތައް ދެވޭނެ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ހިދުމަތް ނުފެށި ދިގުލައިގެން ގޮސްފައިވާތީ އެކަމާ ބެހޭ ގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާ ސުވާލު ކުރަން ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހްމަދު އަޒާން މިދިޔަ މަހުގެ 11 ގައި ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައިވެ އެވެ.