Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ފަލަސްތީނުން ރާއްޖެ އަށް އާ ސަފީރެއް

ފަލަސްޠީނުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް އާ ސަފީރު އިހާބް އިބްރާހީމް މުޙައްމަދު ޚަލީލް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފި އެވެ.

މި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ފަލަސްޠީންގެ އައު ސަފީރު، ރައީސަށް މަޤާމުގެ ފަތްކޮޅު އެރުވުމުން ރައީސް ވަނީ، އައު ސަފީރަށް ތަހުނިޔާ ވިދާޅުވެފަ އެވެ.

ސަފީރު ވަނީ، ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ސާބިތުކަމާއެކު ދެއްވަމުންގެންދަވާ އެއްބާރުލުން ފާހަގަ ކުރައްވައި، އެކަމުގެ އަގުވަޒަން ކުރައްވާކަން ހާމަކުރައްވާފަ އެވެ. އަދި ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ބައިނަލްއަޤުވާމީ މައިދާނުގައި މެދުނުކެނޑި އަޑުއުފުލަމުން ދާދިއުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވި އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވަނީ، ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލުމުގައި ރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނޭ ކަމުގެ ޔަޤީންކަން ދެއްވައިފަ އެވެ.

ރާއްޖެ އާއި ފަލަސްޠީނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުރީ އެޕްރީލް، 4 1982 ގަ އެވެ.

ރައީސަށް އިތުރު ދެ ގައުމެއްގެ ނޮން-ރެސިޑެންޓް ސަފީރުން މިއަދު ފަތްކޮޅު އަރުވާފައިވެ އެވެ. އެއީ އުޒްބެކިސްތާނު ކަނޑައެޅި ސަފީރު، ސަރްދޯ ރުސްތަމްބޭވް އާއި ޑެންމާކުން ކަނޑައެޅި ސަފީރު، ރަސްމުސް އެބިގޯޑް ކްރިސްޓެންސެން އެވެ.