ރާއްޖޭގައި ދެން ބާއްވާ ރިޔާސީ އިންތިހާބެއްގައި ވެސް ވާދަކުރެއްވުމުގެ ވިސްނުމެއް ނެތް ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރެއްގެ މަގާމު އަދާކުރައްވާ ވަހީދު ރޭ އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވީ، ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށާއި އުންމީދަކީ ކުރިއަށް ހުރި ސަރުކާރުތަކަށް ވެދެވެނު އެހީތެރިކަމެއްވުން ކަމަށެވެ.
"އަޅުގަނޑުގެ ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުގެ އެ ދައުރު [ވެރިކަން ކުރުމުގެ ދައުރު] ނިމިއްޖެ." ވަހީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ކުރިން ރައީސްކަން ކުރެއްވީ 2008 ގައި ވެރިކަމަށް ވަޑައިގަތް އެމްޑީޕީ ސަރުކާރުގައި އޭރުގެ ރައީސް މުހައްމަދު ނަޝީދު ފެބްރުއަރީ 7، 2012 ގައި އިސްތިއުފާ ދެއްވުމުންނެވެ. ވަހީދަކީ އޭރު ނައިބު ރައީސެވެ.
ނަޝީދު އިސްތިއުފާ ދެއްވުމުން ދައުރުގައި ބާކީ އޮތް މުއްދަތު ފުރިހަމަ ކުރައްވައި 2013 ގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވަހީދު ވާދަކުރެއްވި އެެވެ. ނަމަވެސް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ނާކާމިޔާބީއާ އެވެ.