Last Updated: June 10, 18:05
Wednesday, June 10, 2026
މުނިފޫހިފިލުވުން

ވިކީ އަށް ސްޕައި ޔުނިވާސްގެ ފިލްމެއް ނެތް!

ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ސްޓޫޑިއޯ، ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) އިން ގެނެސްދެމުން އަންނަ ސްޕައި ޔުނިވާސްގެ ފިލްމެއް ވިކީ ކޯޝަލް އަށް ހުށަހަޅާފައިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި އެވެ.

އެތަނުގެ އިސް ފަރާތްތަތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ އެ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި ވިކީއާ އެކު ސްޕައި ޔުނިވާސްގެ ފިލްމަކަށް އެއްވެސް އިރެއްގައި ވާހަކަ ދެކެވި، މަޝްވަރާ ވެސް ކުރެވިފައި ނެތް ކަމަށް ބުންޏެވެ.

އެކަމަކު ވައިއާރްއެފްގެ ފިލްމެއް ވިކީ ކުރިން ކުޅެފައިވެ އެވެ. އެއީ 2023 ގެ "ދަ ގްރޭޓް އިންޑިއަން ފެމިލީ" އެވެ.

ދާދި ފަހުން ބައެެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަންބީރް ކަޕޫރާ އެކު އެ ސްޓޫޑިއޯ އިން ހަދަން ނިންމާފައިވާ "ދޫމް 4" ގެ ރޯލެއް ވިކީ އަށް ހުށަހަޅާފައިވެ އެވެ.

ނަމަވެސް އެ ފިލްމު އަދި ރަސްމީކޮށް އިއުލާންކޮށްފައި ނުވާތީ އެކަން ވެސް ކަށަވަރެއް ނުވެ އެވެ.

މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ، ވިކީ އަކީ މިހާރު ބޮލީވުޑްގައި ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އަދި އެންމެ ކާމިޔާބު އެކެކެވެ. އޭނަ މިހާރު، ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" ގެ މަސައްކަތްކުރަމުން އަންނަ އިރު، ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި މެޑޮކް ފިލްމްސް އަށް "އިސްތިރީ" ގެ ޑައިރެކްޓަރު އަމަރު ކޯޝިކް ހަދަން ނިންމާފައިވާ "މަހާވަތުރް" ހިމެނެ އެވެ.

މީގެ އިތުރުން ހިންދީ ސިނަމާގެ ކުރީގެ ލެޖެންޑް ގުރޫ ދަތުގެ ބައޮގްރަފިކަލް ޑްރާމާ އަށް ވިކީ ގެންނަން ވާހަކަތަކެއް ދެކެވިފައިވެ އެވެ.

ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ ދެ ފިލްމެއް މި އަހަރު ގެނެސްދޭން ހަމަޖެހިފައިވެ އެވެ. އެއީ އޮގަސްޓްގައި ރިލީޒްކުރަން ހަމަޖެހިފައިވާ ރިތިކް ރޯޝަންގެ "ވޯ 2" އާއި ޑިސެމްބަރަށް ތާވަލުކޮށްފައި އޮތް އާލިއާ ބަޓްގެ "އަލްފާ" އެވެ. "ވޯ 2" އަކީ 2019 ގެ "ވޯ" ގެ ސީކްއެލް އެވެ.

ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ އެހެން ފިލްމުތަކަކީ ޝާހްރުކް ޚާންގެ "ޕަތާން" އާއި ސަލްމާން ޚާންގެ "ޓައިގާ" ފްރެންޗައިޒްގެ ފިލްމުތަކެވެ. ރިޕޯޓްތައް ބުނާ ގޮތުން މި އަހަރުގެ ފަހުކޮޅު "ޕަތާން 2" ގެ މަސައްކަތް ފަށާނެ އެވެ.

ވިކީގެ އެންމެ ފަހުގެ ފިލްމަކީ ބޮލީވުޑުން މި އަހަރުގެ މިހާތަނަށް ގެނެސްދިން އެންމެ ބޮޑު ހިޓް ކަމަށްވާ މެޑޮކްގެ "ޗާވާ" އެވެ.