އައްޑޫ މީދޫގެ މަސްވެރިންގެ ކަންބޮޑުވުން ފިޝަރީޒް މިނިސްޓްރީއާ ހިއްސާކޮށްފި އެވެ.
މަސްވެރިންގެ ފަރާތުން ކަންބޮޑުވުންތައް މިނިސްޓްރީއާ ހިއްސާކުރީ މީދޫ ކައުންސިލަރު އައިމިނަތު ސާލިހާ އެވެ. އޭނައާ އެކު މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު އަހުމަދު މުއްތަލިބާއި ޑިރެކްޓަރ ޖެނެރަލް އަހުމަދު ޔާމީން ބައިވެރިވެވަޑައިގެންނެވި އެވެ.
މީދޫ މަސްވެރިންގެ ފަރާތުން ހުށަހެޅި ކަންބޮޑުވުންތަކުގެ ތެރޭގައި މީދޫ ސަރަޙައްދުގައި ކަނޑައިގެން ގޮސްފައިވާ ވަދު ކަނދުފައްޗާއިދި ދޮށީގެ ކަނދުފަތީގެ މައްސަލަ ޙައްލުކޮށް ދިނުން ހިމެނެ އެވެ. މީގެ އިތުރުން ހުޅުމީދޫ މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި އެވެ.
ސާލިހާއާ އެކު ބޭއްވި ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓްރީން ވަނީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ދިނުމަށް މަސައްކަތްކޮށް ދޭނެކަމުގެ ޔަގީންކަން ދީފަ އެވެ.