Last Updated: June 14, 18:14
Saturday, June 14, 2025
ޚަބަރު

ކްލާސްރޫމްތައް ފިނިކުރަން ފެނަކައާ ހަވާލުކޮށްފި

ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރަން ސަރުކާރުން ފަށާފައި އޮތް "ކޫލް ސްކޫލް" ޕްރޮޖެކްޓް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.

މިކަމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިއަދު ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.

މިނިސްޓްރީން ބުނި ގޮތުގައި ޕްރޮޖެކްޓް ފެނަކައާ ހަވާލުކުރީ އަންނަ އަހަރުގެ ކުރިން ކްލާސްރޫމްތައް އޭސީކޮށް ނިންމުމަށެވެ. މި ޕްރޮޖެކްޓް ފެށީ މިދިޔަ އަހަރުގެ ޖޫން 2 ގައި ކ. ހިންމަފުށީ ސްކޫލުންނެވެ.

ކްލާސްރޫމްތައް ފިނިކުރަން ސަރުކާރުން ޕްރޮޖެކްޓެއް ކުރިއަށް ގެންދާ އިރު، މިކަމަށް އެކި ފަރާތްތަކުން އަންނަނީ އެހީތެރިކަން ވެސް ފޯރުކޮށް ދެމުންނެވެ. އެގޮތުން ބައެއް ކައުންސިލްތަކުން ވެސް ކްލާސްރޫމްތަކެއް އޭސީކޮށް ދީފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ހުރިހާ ސްކޫލެއް އޭސީ ކުރަން ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓުގެ ސަބަބުން ދައުލަތުން މިހާރު ކުރާ ހަރަދަށްް އިތުރު ވަނީ 38 ޕަސެންޓެވެ. އަދި މި ޕްރޮޖެކްޓްގެ 30 ޕަސެންޓް ބަރޯސާވާނީ އިޔާދަކުރަނިވި ހަކަތަ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.