Last Updated: June 14, 18:14
Saturday, June 14, 2025
ދުނިޔެ

ވެއްޓުނު ބޯޓުން ސަލާމަތްވި މީހެއް!

މިއަދު ވެއްޓުނު އެއާ އިންޑިއާގެ ބޯޓުން ސަލާމަތްވި މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަހުމަދުއާބާދުގެ އަސަރުވާގެ ސިވިލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނީ އިންޑީއާ ދަރިކޮޅު އިނގިރޭސި ރައްޔިތެއް ކަމަށްވާ ވިޝްވާޝް ކުމާރު ރަމޭޝް، 40، އަށެވެ. ވިޝްވާސްއާ ހަވާލާދީ ހިންދުސްތާން ޓައިމްސް އިން ބުނީ އޭނަ އަކީ ލަންޑަންގައި ދިރިއުޅޭ މީހެއް ކަމަށާއި އިންޑިއާ އަށް ދިޔައީ މީގެ ދުވަސްކޮޅެއް ކުރިން އާއިލާގެ މީހުންނާ ބައްދަލު ކުރަން ކަމަށެވެ.

ވިޝްވާޝް ބުނީ އިންޑިއާ އަށް ދިޔައީ އޭނަގެ ބޭބެ، އަޖޭ ވިޝްވާސްކުމާރު، 45، އެކީ ކަމަށާއި ބޯޓް ވެއްޓުނީ އެ ދަތުރަށް ފަހު އެ މީހުން އެނބުރި ލަންޑަނަށް ދާން ފުރިތަނާ ކަމަށެވެ. ވިޝްވާޝްގެ އަތުގައި އޭނަގެ ބޯޑިން ފާސް ވެސް އޮތް އިރު، އޭގައިވާ ގޮތުން އޭނަ އިނީ ސީޓް ނަމްބަރު 11 އޭގަ އެވެ.

ނަމަވެސް ބޭބެ ހުރީ ބޯޓްގެ އެހެން ރޯއެއްގެ ސީޓެއްގައި ކަމަށާއި އޭނަ އަށް ވީ ގޮތެއް ނޭނގޭ ކަމަށް ބުންޏެވެ.

ވިޝްވާޝް ބުނި ގޮތުގައި ބޯޓް ވެއްޓުނީ އެއާޕޯޓުން ނައްޓައިލިތާ 30 ވަރަކަށް ސިކުންތު ފަހުން ކަމަށެވެ. އަދި ވަރުގަދަ ބޮޑު އަޑުށުފަށްގަނޑަކާ އެކު ދެން ފެނުނީ މީހުންތައް ވިއްސިވިހާލިވެފައި އޮތް ތަން ކަމަށެވެ. އަދި ބޯޓް ވެއްޓުމާ އެކު، ބިރުން އަަވަހަށް ދުވެ ނުކުތީ ކަމަށް ބުނެފައިވެ އެވެ.

އެއާ އިންޑިއާގެ ބޮއެން 8-787 މަރުކާގެ ބޯޓް ވެއްޓުނީ އަހުމަދުއާބާދުން ފުރައިގެން ލަންޑަށް ދާން ދަތުރު ފެށިތާ ފަސް ވަރަކަށް މިނިޓްގެ ތެރޭގައި ކަމަށް މީޑިއާތަކުން ކުރިން ބުނެފައިވެ އެވެ. ބޯޓްގައި ޖުމްލަ 242 މީހުން ތިއްބެވެ. އެއީ 230 ޕަސިންޖަރުންނާއި 12 ފަޅުވެރިންނެވެ. ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި 11 ކުޑަކުދިން ވެސް ހިމެނެ އެވެ.

މީހުން ދިރިއުޅޭ ސަރައްހަދުގެ މެޑިކަލް ކޮލެޖެއްގެ ހޮސްޓެލެއްގެ މައްޗަށް ބޯޓް ވެއްޓުނު އިރު، އެއިން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 169 މީހަކާއި އިނގިރޭސިވިލާތުގެ 53 މީހަކާއި ޕޯޗްގީޒްގެ ހަތް މީހެއްގެ އިތުރުން ކެނެޑާގެ މީހެކެވެ.

ބައެެއް މީޑިއާތަކުން ބުނީ މި ހާދިސާގައި ހޮސްޓެލް އިން 20 އަށް ވުރެ ގިނަ ދަރިވަރުން ވެސް މަރުވެފައިވެ އެވެ.

ނަމަވެސް ބޯޓުން އިތުރު ބަޔަކު ސަލާމަތްވި ކަމެއް އަދި މި ހާދިސާގައި ޖުމްލަ ކިތައް މީހުން މަރުވި ކަމެއް އަދި ރަސްމީ އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.