ބޮލީވުޑްގެ ކުރީގެ ބަތަލާ ކަރިޝްމާ ކަޕޫރްގެ ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރް މަރުވެއްޖެ އެވެ.
އުމުރުން 53 އަހަރުގެ ސަންޖޭ އަކީ ނިއު ދިއްލީ އަށް ނިސްބަތްވާ ވިޔަފާވެރިއެކެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސޯނާ ކޮމްސްޓާ ލިމިޓެޑްގެ ޗެއާމަންގެ މަގާމުގައި ހުރި ސަންޖޭ މަރުވީ ހާޓްއެޓޭކެއް ޖެހިގެން އިނގިރޭސިވިލާތުގައި އިއްޔެ އެވެ. ހާޓްއެޓޭކެއް ޖެހުނު އިރު ސަންޖޭ އުޅުނީ ޕޯލޯ މެޗެއް ކުޅެން ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
އިންޑިއާގެ އެންމެެ ނުފޫޒު ގަދަ ފިލްމީ އާއިލާ ކަމަށްވާ ކަޕޫރް ޙާންދާނަށް ނިސްބަތްވާ ކަރިޝްމާއާ ސަންޖޭ ކައިވެނިކުރީ 2003 ގަ އެވެ. އެ ކައިވެންޏަށް ދެ ކުދިން ވެސް ލިބިފައި ވަނިކޮށް، ބޮޑެތި މައްސަލަތަކެއް ޖެހި އަދި ސަންޖޭގެ ފަރާތުން ކަރިޝްމާ އަށް އަނިޔާ ވެސް ލިބެމުން ދިޔަ ކަމަށް ބުނެ އެ މީހުންގެ ކައިވެނި ރޫޅައިލީ 2016 ގަ އެވެ.
ކަރިޝްމާ އާއި ސަންޖޭ އަށް ލިބިފައިވާ ދެ ކުދިންނަކީ މިހާރު އުމުރުން 20 އަހަރުގެ ސަމައިރާ ކަޕޫރާއި 15 އަހަރުގެ ކިއާން ރާޖް ކަޕޫރެވެ.
ކަރިޝްމާއާ ވަކިވުމަށް ފަހު ސަންޖޭ ވަނީ ޕްރިޔާ ސަޗްދޭވް ކިޔާ މީހަކާ ކައިވެނިކޮށްފަ އެވެ. ނަމަވެސް އަލަތު ކައިވެނި ރޫޅުނު ފަހުން ކަރިޝްމާ ހުރީ ހުސްބަޔަށެވެ.