ދަރުމެންދުރާ އާއި އަރްބާޒް ޚާން އެކީގައި ކުޅޭ ފިލްމެއް ލޯންޗްކޮށްފި އެވެ.
މީޑިއާތަކުން ބުނީ މި ހަފުތާގެ ކުރީކޮޅު ބޭއްވި ހަފުލާއެއްގައި އިއުލާންކުރި މި ފިލްމަކީ ޕާލް ގްރޫޕް އޮފް ކޮމްޕެނީސް އާއި ސިނެބަސްޓާ މެގަޒިން ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ރޯނީ ރޮޑްރިގޭޒް ޕްރޮޑިއުސްކޮށް ވާހަކަ ލިޔެފައިވާ "މޭނޭ ޕިޔާރު ކިޔާ ޕިރު ސޭ" ކަމަށެވެ.
ފިލްމުގެ ލަވަތަކުގެ ޅެން ވެސް ރޯނީ ހަދާފައިވާ އިރު، މީގެ ޑައިރެކްޓަރަކީ ސަބީރު ޝައިހެވެ.
"މޭނޭ ޕިޔާރު ކިޔާ ޕިރު ސޭ" އަކީ ދަރޭ އާއި އަރްބާޒް 27 އަހަރު ފަހުން އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. އެ ދެ މީހުން އެކީގައި ކުރިން މަސައްކަތްކުރި ފިލްމަކީ 1998 ގެ "ޕިޔާރު ކިޔާ ތޯ ޑަރްނާ ކިޔާ" އެވެ. އެ ފިލްމަކީ އަރްބާޒްގެ ބޭބެ، ސަލްމާން ޚާނާއި ކާޖޮލް ލީޑް ރޯލަށް ލައިގެން ކޮއްކޮ ސުހައިލް ޚާން ޑައިރެކްޓްކޮށް ގެނެސްދިން ވަރަށް ކާމިޔާބު ފިލްމެކެވެ.
އަރްބާޒް އާ ފިލްމެއްގެ މަސައްކަތް ފެށި އިރު، އޭނަ އަކީ އެހާ ގިނައިން ފިލްމު ކުޅޭ އެކްޓަރެއް ނޫނެވެ. އައްބާސް-މަސްތާންގެ 1996 ގެ "ދަރާރު" އިން އެކްޓިން އަށް ނުކުތް އަރްބާޒް އާންމުކޮށް ފިލްމުތަކުން ފެންނަނީ ސަޕޯޓިން ރޯލުތަކުންނެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ އާއިލާ އިން ބޮލީވުޑަށް ނުކުތް ބަތަލާ އަލިޒޭ އަގްނިހޯތުރީ ތައާރަފުކުރި ފިލްމު 2023 ގެ "ފަރޭ" ގެ ރޯލަކުންނެވެ.
އަލިޒޭ އަކީ އަރްބާޒްގެ ކޮއްކޮ އަލްވިރާ ޚާނާއި ކުރީގެ އެކްޓަރު އަދި މިހާރު ޕްރޮޑިއުސަރެއް ކަމަށްވާ އަތުލް އަގްނިހޯތުރީގެ ދަރިއެކެވެ.
އަރްބާޒްގެ "މޭނޭ ޕިޔާރު ކިޔާ ޕިރު ސޭ" ގެ ޝޫޓިން ރަސްމީކޮށް ފެށުމަށް ތައްޔާރީތައްވަމުން އަންނަ އިރު، މި ފިލްމުގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. އެކަމަކު މި އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން އޮތީ އަމާޒު ހިފައިފަ އެވެ.