މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި ބޮލީވުޑްގެ ފިލްމު "ބޯޑާ 2" އަށް ސޮއިކުރި ފުރަތަމަ ބަތަލާއަކަށް ސޯނަމް ބަޖްވާ ވެއްޖެ އެވެ.
ޕިންކްވިލާ އިން ބުނީ މި މަހުގެ ފަހުކޮޅު އޭނަގެ ފިލްމުގެ ކްރޫއާ ގުޅި ޝޫޓިންގައި ބައިވެރިވާން ފަށާނެ ކަމަށެވެ. އެ ނޫހުން ބުނި ގޮތުގައި "ބޯޑާ 2" ގައި ސޯނަމް ކުޅޭނީ ޕަންޖާނީ ކެރެކްޓާއެކެވެ. އަދި ފިލްމުގައި އޭނަގެ ބައިވެރިޔަކީ ފަގުޑި އެޅި މަޝްހޫރު ޕަންޖާބީ އެކްޓަރު ދިލްޖީތު ދޮސަންޖް ކަމަށް ވެސް ޕިންކްވިލާ އިން ބުންޏެވެ.
އާންމުކޮށް ޕަންޖާބީ ފިލްމުތައް ކުޅޭ ސޯނަމް އަކީ އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ކޮމެޑީ ފިލްމު "ހައުސްފުލް 5" ގެ ވެސް ރޯލެއް ކުޅެފައިވާ ބަތަލާއެކެވެ. އޭނަގެ ކުރިއަށް ހުރި ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ޓައިގާ ޝްރޮފްގެ "ބާގީ 4" އާއި ހާޝްވަރުދަން ރާނޭގެ "އޭކް ދީވާނޭ ކީ ދީވާނީޔަތު" ހިމެނެ އެވެ.
"ބޯޑާ 2" ގެ ކާސްޓާ ސޯނަމް ގުޅުނު އިރު، ޕިންކްވިލާ އިން ބުނީ މި ފިލްމަށް އިތުރު ބަތަލާއިންތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މި ހަނގުރާމަ ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒަށް އަނޫރާގް ސިންގް ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނަ އަކީ އަކްޝޭ ކުމާރުގެ 2018 ގެ ހަނގުރާމަ ފިލްމު "ކޭސަރީ" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ބޯޑާ 2" އަކީ ޑައިރެކްޓަރު ޖޭޕީ ދައްތާ 1997 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ބޯޑާ" އާ ގުޅުވައިގެން ހަދާ ފިލްމެކެވެ. ނަމަވެސް އެ ފިލްމުގެ ކާސްޓުން އާ ފިލްމުގައ ހިމެނެނީ ސަނީ ޑިއޯލް އިން އެކަންޏެވެ. އެކަމަކު "ބޯޑާ" ގައި މުހިއްމު ރޯލެއް ކުޅުނު ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީ ހިމެނެ އެވެ.
މީގެ އިތުރުން "ބޯޑާ 2" ގައި ވަރޫން ދަވަން ވެސް ހިމެނެ އެވެ.