މީގެ ހައެއްކަ އަހަރު ކުރިން އިނގިރޭސިވިލާތުގައި ބޭއްވި މައުރަޒެއްގައި ދައްކައިލަން ބެހެއްޓި ރަން ފާހާނާތަށި ވަގަަށް ނެގި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ ޖަލަށް ލާން ހުމުންކޮށްފި އެވެ.
އަށާރަ ކެރަޓްގެ ރަނުން ތައްޔާރުކޮށްފައިވާ ފާހާނާތަށި 2019 ގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަގަށް ނެގި މައްސަލައިގައި ދައުވާކުރީ އޮކްސްފޯޑަށް ނިސްބަތްވާ ޖޭމްސް 'ޖިމީ' ޝީން 40 އާއި މައިކަލް ޖޯންސް، 39 ގެ މައްޗަށެވެ. ޖިމީ އަކީ މި ވައްކަމުގައި އެންމެ އިސްކޮށް އުޅުނު މީހާ އެވެ. އޭނަގެ މައްޗަށް ކޮށްފައި ވަނީ ވައްކަން ކުރުމުގެ އިތުރުން ވަގަށް ނެގި އެއްޗެއް ވިއްކައިލުމުގެ ދައުވާ އެވެ.
މިހާރު ވެސް އެހެން ކުށްތަކެއްގައި 19 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ޖިމީގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު، ޖޯންސްގެ މައްޗަށް ދެ އަހަރާއި ދެ މަސް ދުވަހުގެ ޖަލު ހުކުމެއް އޮކްސްފޯޑް ކްރައިމް ކޯޓުން އިއްވީ އިއްޔެ އެވެ.
އަގު 6.5 މިލިއަން ޑޮލަރަށް އަރާ ރަން ފާހާނާތަށި ވަގަށް ނެގީ އިނގިރޭސިވިލާތުގެ ބްލެންހެއިމް ޕެލެސްގައި ބޭއްވި އާޓް އެގްޒިބިޝަންގެ ތެރޭގަ އެވެ. އެ ފާހާނާތައްޓަަކީ އިޓަލީގެ އާޓިސްޓެއް ކަމަށްވާ މައުރީޒިއޯ ކެޓެލަން އިންތިޒާމުކުރި މައުރަޒެކެވެ.
އެ ވައްކަމާ ގުޅިގެން އޭރު ބްލެންހެއިމް ޕެލެސް އިން ބުނެފައި ވަނީ ރަން ފާހާނާތަށި ވަގަށް ނެގީ ގޭންގެއްގެ ބަޔަކު ވަރަށް ބޮޑަށް ރާވައިގެން ކަމަށެވެ. އެގޮތުން ވައްކަމުގެ ތުހުމަތުގައި ޖުމްލަ 12 މީހަކު ހައްޔަރިކުރި އެވެ. ނަމަވެސް ދައުވާ ކުރެވޭ ވަރަށް ހެކި ލިބުނީ އޭގެ ތެރެއިން އިއްޔެ ހުކުމްވި ދެ މީހުންގެ މައްޗަށެވެ.
ރަން ފާހާނާތަށި ވަގަށް ނެގުމާ ގުޅިގެން އެ ހޯދުމުގެ މަސައްކަތް ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ކުރި ނަމަވެސް މިހާތަނަށް ފެ ފެނިފައެއް ނުވެ އެވެ.