Last Updated: June 15, 05:54
Sunday, June 15, 2025
ޚަބަރު

މެނިންގޯކޮކަލް ކޭހާ ގުޅޭ ޓްރޭސިން ނިންމާލައިފި

މެނިންގޯކޮކަލް ބަލީގެ ކޭހެއް ރާއްޖެ އިން ފެނުމާ ގުޅިގެން ފެށި ކޮންޓެކްޓް ޓްރޭސިންގެ ހަދައި ނިމިފައިވާ ކަމަށާއި ބަލީގެ އިތުރު އެއްވެސް ކޭހެއް ފެނިފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

މެނިންގޯކޮކަލް ބަލީގެ ކޭހެއް ފެނިފައިވާކަން އެޗްޕިއޭ އިން ހާމަކުރީ މި މަހުގެ 7 ގަ އެވެ. އެނގިފައިވާ ގޮތުގައި އެ ބަލީގައި މަރުވެފައި ވަނީ 24 އަހަރޔުގެ ޒުވާނެކެވެ. އޭނަ އަށް ބަލިޖެހިފައިވާކަން އެނގުނީ ރާއްޖެ އިން ބޭރުގައި އުޅެފައިވާ އައިތާ ދުވަސްކޮޅެއް ފަހުންނެވެ.

އެ ކޭހާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދަން ފަށައިހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން މަސައްކަތްކޮށްފައިވެ އެވެ.

މެނިންގޯކޮކަލް އަކީ ނޭވާލާ ނިޒާމުގެ ޒަރީއާއިން ޖެހޭ ނުރައްކާތެރި ބައްޔެކެވެ.އެގޮތުން ބަލި ޖެހިފައިވާ މީހަކާ އެކު ގިނަ ވަގުތު ވަރަށް ގާތްކޮށް އުޅޭ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. އެބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ބަލިޖެހޭތާ 1-10 10 ދުވަހާ ދެމެދު އެވެ.