ކެޔޮޅުންގެ ލޮބީން ބާއްވަް ނިންމާފައިވާ "މޯލްޑިވްސް ޓޫނާ ރޭސް" ގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ޑސެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ މި މުބާރާތް ހާއްސަކޮށްފައި ވަނީ ދޮށީ މަސްވެރިކަމުގައި ހަރަކާތްތެރިވަމުން އަންނަ އޮޑިފަހަރުތަކަށެވެ. މި މުބާރާތަކީ ކެޔޮޅުންގެ ލޮބީގެ އަހަރީ ދުވަހާއި މި އަހަރު މަސްވެރިންގެ ދުވަސް ވެސް ފާހަގަކުރުމުގެ ގޮތުން ބާއްވަން ނިންމި މުބާރާތެކެވެ.
"މޯލްޑިވްސް ޓޫނޭ ރޭސް" އޮންނާނީ ޑިސެމްބަރު މަހުގެ 5 އާއި 6 ގަ އެވެ. ސައުވީސް ގަޑިއިރުގެ މި ރޭހަކީ، ދޮށީ މަސްވެރި އާއިލާގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހިކޮށް އެއްބައިވަންތަކަމުގެ ރޫހެއް އުފެއްދުމަށާއި، ޒުވާނުން ދޮށީ މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށާއި، ދޮށީ މަސްވެރިކަން ޕްރޮމޯޓްކޮށް، އާންމުންގެ މެދުގައި މި ސިނާއަތައް އޮންނަ ލޯބި އިތުރު ކުރަން ވެސް އަމާޒު ހިފައިގެން ބާއްވާ މުބާރާތެެއް ކަމަށް ކެޔޮޅުންގެ ލޮބީން ބުންޏެވެ.
މު މުބާރާތުގެ ވަނަތަކަށް ހޮވޭ އޮޑިފަހަރަށް ފައިސާގެ ބޮޑެތި އިނާމުތައް ވެސް ލިބޭނެ އެވެ.
މަސް ރޭހުގައި ހޮވަން ހަމަޖެހިފައިވާ ވަނަތަކާއި އިނާމުތައް:
* މަސްރޭހުން 1 ވަނަ، އެންމެ މަތިން ކިލޯކިރާ އޮޑިއަކަށް: 100،000ރ.
* މަސްރޭހުން 2 ވަނަ، އެންމެ މަތިން ކިލޯ ކިރާ އޮޑިއަކަށް: 50،000ރ.
* މަސްރޭހުން 3 ވަނަ އެންމެ މަތިން ކިލޯ ކިރާ އޮޑިއަކަށް: 25،000ރ.
* މަސް ރޭހުގައި ބައިވެރިވާ އޮޑިތަކުގެ ތެރެއިން އެންމެ ކުރިން ރޭސް ނިންމާ އޮޑިއަކަށް: 5،000ރ.
”މޯލްޑިވްސް ޓޫނާ ރޭސް″ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 10 އާ ހަމައަށެވެ. މި ލިންކް forms.gle/ghg9n7cHWYVh6XJD9 އާއި މި މެއިލް keyolhungelobby@gmail.com މެދުވެރިކޮށް ރަޖިސްޓްރީވެވޭނެ އެވެ.