Last Updated: June 15, 05:54
Sunday, June 15, 2025
ޚަބަރު

އިމްރާން މައާފަށް އެދެން ޖެހޭނެ: މުހްތާޒް

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އަވަހާރަކޮށްލީ ކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަ އަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒް މުހުސިން ރައްދު ދެއްވައި، އޭނަ މައާފަށް ވެސް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އިމްރާން މިއަދު އެކްސްގައި ވިދާޅުވީ ޑރ .ބާރީގެ ކުއްލި މަރާ ގުޅިގެން މިއޮތް ހުރިހާ ދުވަހު ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބަށް އަތުވެއްޖެ ކަމަށާއި ބަޔަކު ޑރ. ބާރީ ޝަހީދުކޮށްލީ ކަމަށެވެ.

އެ ވާހަކައިގެ ރައްދުގައި މުހްތާޒް ފޭސްބުކްގައި ވިދާޅުވީ ޑރ. ބާރީ އަކީ ދުނިޔޭގައި ހުންނެވި އިރު ވެސް އެފަދަ ފިތުނައަށް ޖާގަދެއްވި ބޭފުޅެއް ނޫން ކަމަށާއި މި ބާވަތުގެ ވާހަކަ ފަތުރާނީ ސިޔާސީ ގޮތުން ހައްދުފަހަނައެޅި މީހުން ކަމަށެވެ.

"ތިޔަ ވާހަކަ ދެއްކެވި ބޭފުޅަކު މާފަށް އެދެން ވެސް ޖެހޭނެ،" އެ އާއިލާ ސިޔާސީ މުޑުދާރުންގެ ޝިކާރައަކަށްވުމަށް ފުރުސަތު ނުދެވޭނެ،" މުހްތާޒް ވިދާޅުވި އެވެ. "ތިޔަ ވާހަކަ ދެއްކެވި ބޭފުޅާ އެތަކެއް ރައްޔިތުންގެ ކުރިމަތީ ކަރުދާސްތަކެއް ދައްކަވަމުން މަރުހޫމް ޑރ. އަފްރަޝީމްގެ ގާތިލުންނާ ބެހޭ ހެކި މިހިރީ ކަމަށް ވެސް ވިދާޅުވި."

އޭނަ ވިދާޅުވީ އިމްރާން ހޯމް މިނިސްޓަރުކަމުގެ ދައުރެއް ވެސް ފުރިހަމަކުއް އިރު އެ ހެކި ވެސް ވެގެން ދިޔައީ މިހާރު ތިޔަ ފަތުރާ ފަދަ ފިތުނައަކަށް ކަމަށެވެ.

ޑރ. ބާރީ އަވަހާރަވިތާ އެތައް އަހަރެއް ފަހުން އެ ބޭފުޅާ ޝަހީދުކޮށްލީ ކަމަށް އިމްރާން ތުހުމަތެއް ކުރެއްވި އިރު، ޑރ. ބާރީ އަވަހާރަވުމާ ގުޅިގެން އެފަދަ އެއްވެސް ތުހުމުތަކެއް މީގެ ކުރިން އެއްވެސް ފަރާތަކުންކޮށްފައެެއް ނުވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. ބާރީ އަވަހާރަވީ މެއި 22، 2018 ގައި ސްރީ ލަންކާގަ އެވެ.