Last Updated: June 15, 05:54
Sunday, June 15, 2025
ޚަބަރު

ފޯ ސީޒަންސް އިން އިތުރު ޒުވާނުންތަކެއް ތަމްރީނުކޮށްފި

ޓޫރިޒަމް ދާއިރާ އަށް ޒުވާނުން ބިނާ ކުރަން ފޯ ސީޒަންސް ރިސޯޓްސް އިން ކުރިއަށް ގެންދިޔަ އެންމެ ފަހުގެ އެޕްރެންޓިސް ޕްރޮގްރާމް 68 ޒުވާނަކު ފުރިހަމަކޮށްފި އެވެ.

އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ނިމުން ފާހަގަކޮށް ބައިވެރިންނަށް ސެޓްފިކެޓް ދޭން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީގ ގައުމީ ޔުނިވަސިޓީގެ ކޮލެޖް އޮފް އޯޝަން އެންޑް ފިޝަރީޒް ރިސޯސަސްގެ ޑީން ޑރ. އަހުމަދު ރިޔާޒް ޖައުހަރީ އެވެ.

އޭނަ ވިދާޅުވީ މިފަދަ އެޕްރެންޓިސް ޕްރޮގްރާމްތަކުގެ ސަބަބުން މަންފާ ވަނީ ހަމައެކަނޮ ރިސޯޓުތަކަށް ނޫން ކަމަށާއި،މީގެ ފައިދާ މުޅި ގައުމަށް ވެސް އެކި ގޮތްގޮތުން ލިބެމުން އަންނަ ކަމަށެވެ.

މިއީ ފޯ ސީޒަންސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގާތާ 25 ވަނަ އަހަރެވެ. އެގޮތުން ހިންގަން ފެށި ފަހުން މިހާތަނަށް ޓޫރިޒަމް ދާއިރާގެ އެކި ޑިޕާޓްމަންޓްތަކުން 997 ޒަވާނުން ތަމްރީނުކޮށްފައިވެ އެވެެ.

މި ފަހަރު ނިންމައިލި ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން 19 ޒުވާނަކަށް ދާއިރާއިން އިތުރު އެއް އަހަރު ކިޔެވުމުގެ ފުރުޞަތު ދީފައިވާ އިރު، ކުރިއަށް އޮތް ޕްރޮގްރާމްގައި 73 ޒުވާނަކު ބައިވެރިވެ އެވެ.

ރާއްޖޭގެ އެހެން ބައެއް ރިސޯޓްތަކުން ވެސް އެޕްރެންޓިސް ޕްރޮގްރާމްތައް ހިންގަމުން ދެ އެވެ.