Last Updated: June 15, 17:17
Sunday, June 15, 2025
ޚަބަރު

ޚިޔާލުފާޅުކުރުން: އުޞޫލުތަކާއި މަބްދައުތައް

މާތްވެގެންވާ އިސްލާމް ދީނުގެ އަސާސީ މަބާދިއުތަކަށް ނަޒަރު ހިންގާލުމުން ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ ވަރަށް ފުރިހަމަ ގޮތެއްގައި އިންސާނާ އަށް ދީފައިވާ ޙައްޤެކެވެ. ދުނިޔޭގެ އެހެނިހެން ފަލްސަފީ ނިޒާމުތަކަށް ވުރެން ފުރިހަ ގޮތެއްގައި އަޚްލާޤީ ހަމަތަކަށް ތަބާވެ ތިބެގެން ޚިޔާލު ފާޅުކުރުމަށް އިސްލާމްދީން ބާރު އަޅާފައިވެ އެވެ.

މިއަދު އަޅުގަނޑުމެންގެ ޤައުމުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދޮރު މިވަނީ އިންތިހާއަށް ތަނަވަސްވެފަ އެވެ. ބައެއް ފަރާތްތަކުން މި ފުރްޞަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާކަމީ ހިތާމަކުރަން ޖެހޭ ކަމެކެވެ. ޚިޔާލު ފާޅުކުރުމުގެ ނަމުގައި މީސްމީހުންގެ ކާޓޫނުތައް ކުރަހައި ނުބައި ލަޤަބުތަކުން ގޮވައި ދުލުން އިސްލާމް ދީން ހުއްދަ ނުކުރާ ހުތުރު ބަސްތައް ބުނެވޭ ތަން އެބައާދެ އެވެ.

މިއީ އިޞްލާޙަށްޓަކައި ކުރެވޭ ކަމަށްވުމުގެ ބަދަލުގައި ފަސާދަ އަށް ދޮރު ހުޅުވިގެންދާ ކަމަކަށް ވުން ކައިރިއެވެ.

އެއްވެސް ޝައްކެއްނެތް ގޮތުގައި މާތްވެގެންވާ އިސްލާމް ދީނަކީ އެންމެ ފުރިހަމަ ނިޒާމެވެ. އިންސާނީ ޖަމާޢަތަށް އެންމެ މަޞްލަހަތު ހުރި ގޮތް ކަނޑައަޅުއްވާފައިވާ މަތިވެރި ނިޒާމެވެ. މިއީ އިންސާނިއްޔަތުގެ ތާރީޚުގައި އިންސާނުން ތަޖުރިބާކޮށްފައިވާ ޙަޤީޤަތެކެވެ. އިސްލާމް ދީނުގައި ވަކިކަމެއް ކުރުމަށް އަމުރު ކުރައްވާފައިވާ ގޮތަކަށް އެކަމެއް ކުރުމުން އިންސާނީ ޖަމާޢަތަށް ފައިދާކުރާކަމީ އިންސާނުން ދެކިފައިވާ ޙަޤީޤަތެކެވެ. މިއީ ހަމަ އެކަނި އިސްލާމީ ތާރީޚް ދެކިފައިވާ ކަމެއް ނޫނެވެ. އެހެނިހެން ދީންތަކާއި ފަލްސަފީ ނިޒާމުތައް ވެސް މިކަމުގެ މައްޗައް ހެކިވެ އެވެ.

ޚިޔާލު ފާޅުކުރުމާއި ބިނާކުރަނިވި ފާޑު ކިއުމަކީ ޤައުމުގެ ކުރިމަގު އުޖާލާކުރާނޭ އަސާސެކެވެ. އިންސާނާއަށް ﷲ ތަޢާލާ ވަނީ ވިސްނުމާއި ބުއްދި ދެއްވާފައެވެ. އޭނާގެ މުޖުތަމަޢުގެ ކަންހިނގުމުގައި ޚިޔާލުފާޅުކުރުމުގެ ޙައްޤުވެސް ވަނީ ހޯދާދެއްވާފައެވެ. ކީރިތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައިވެސް އަޞްޙާބު ބޭކަލުންގެ ތެރޭގައި ކީރިތި ރަސޫލާއަށް ކަންކަމުގައި ޚިޔާލުދެއްވާ ލަފާ ދެއްވާ ހައްދަވާ ބޭކަލުން ތިއްބެވިއެވެ.

އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބައެއް ކަންކަމުގައި ދެކެވަޑައިގަންނަވާގޮތާއި ޚިލާފަށް އަޞްޙާބު ބޭކަލުން ޚިޔާލު ހުޅަހަޅުއްވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބޭކަލުންގެ ޚިޔާލުފުޅުތަކަށް އިޙްތިރާމް ކުރައްވާފައިވެއެވެ. އަދި އެބޭކަލުންގެ ބައެއް ޚިޔާލުފުޅުތަކާ އެއްގޮތައް ޢަމަލުފުޅު ކުރައްވާފައިވެސް ވެއެވެ.

މިގޮތުން އެކަލޭގެ ފާނުގެ ޚިޔާލުފުޅާ އިދިކޮޅަށް އެކަލޭގެފާނަށް މަޝްވަރާ އެރުވުނު ކަންކަމުގެ ތެރޭގައި ޙުދައިބިއްޔާގައި ޢުމަރުގެފާނު ދެއްވި ޚިޔާލާއި ބަދުރު ހަނގުރާމަކުރެއްވުމަށް ވަޑައިގެން މަޑުކުރެއްވި ތަނަށްވުރެން ރަނގަޅު އެހެން ތަނެއްގެ ވާހަކަ ބަޔާންކުރެއްވަމުން ބޭކަލަކު ދެއްވި ޚިޔާލުފުޅަކާއި އަދި އުޙުދު ހަނގުރާމައިގައި މަދީނާއިން ބޭރުގައި ހަނގުރާމަ ކުރެއްވުމަށް ޒުވާން އަޞްޙާބު ބޭކަލުން ދެއްވި ޚިޔާލު ފުޅުތަކާއި މިނޫންވެސް ކިތައްމެ ޙާދިޘާތަކެއް ހިމެނެއެވެ.

ޢުމަރުގެ ފާނާއި އަދި ޢަޞްޙާބު ބޭކަލުންގެ ތެރެއިން ވަރަށް ގިނަބޭކަލުން ޙުދައިބިއްޔާގެ ޞުލްޙައާއި އިދިކޮޅު ހެއްދެވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އަބޫބަކުރުގެ ފާނާއި ދެބޭކަލުން ބުރަވެވަޑައިގަތީ އެބައިމީހުންނާއެކު ޞުލްޙަ ޤާއިމު ކުރެއްވުމަށެވެ. މިކަމުގެ ސަބަބުން މައްކާފަތަޙަވުމަށް މަގުފަހިވެގެން ދިޔައެވެ.

ބަދުރު ހަނގުރާމައިގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ލަޝްކަރާއިގެން މަޑުކުރެއްވީ ހަނަފަސްތަނެއްގައެވެ. އެތަނަކީ ހަނގުރާމައިގައި މަޑުކުރެއްވުމަށް ޙިކުމަތްތެރި ތަނެއްނޫންކަމަށް ދެކެވަޑައިގެން ބޭކަލަކު މަޝްވަރާ ދެއްވުމުން އެތަން ދޫކުރައްވައި ފެނާއި ގާތަތަށް ވަޑައިގަތެވެ. މިކަމުގެ ސަބަބުން މުސްލިމުންނަށް ހަނގުރާމައިގެ މައިދާނުގައި ފަސޭހަތަކެއް ލިބިގެން ދިޔައެވެ.

އުޙުދު ހަނގުރާމަ ކުރެއްވުމަށް ކީރިތި ރަސޫލާ ޚިޔާލު ކުރެއްވީ މަދީނާގެ ރަށުގެ ތެރޭގަ އެވެ. ނަމަވެސް އަޞްހާބު ބޭކަލުންގެ ތެރޭގައި ތިއްބެވި ޒުވާން ބޭކަލުން ބުރަވެ ވަޑައިގަތީ މަދީނާއިން ބޭރުގައި ހަނގުރާމަ ކުރުމަށެވެ. ކީރިތި ރަސޫލާ އެގޮތަށް ކަންތައްކުރެއްވި އެވެ. މިކަމުގެ ސަބަބުން ހިތި ނަތީޖާއާ ކުރިމަތިލާން ޖެހުނެވެ.

އަދި ޚިޔާލު ފާޅުކުރުމަށް މިނިވަންކަންދެވިފައިވާ މިންވަރު އަންގައިދޭ އެންމެ ވަރުގަދަ ހެއްކަކީ ވަޙީ ބާވާލެއްވޭ މާތް ނަބިއްޔަކަށް އަޞްޙާބު ބޭކަލުން ޚިޔާލު ދެއްވާކަމެވެ. މިގޮތުން ޚަންދަޤު ނުވަތަ އަޙްޒާބު ހަނގުރާމައިގައި މަދީނާ ވަށައިގެން ޚަނދަޤު ކޮންނެވުމަށް މާތް ޞަޙާބީ ސަލްމާނުލްފާރިސީ ދެއްވި ޚިޔާލު ފުޅު ހިމެނެ އެވެ. އެމާތް ޞަޙާބީގެ ޚިޔާލުފުޅުގެ މަތިން ކީރިތި ރަސޫލާ ދުޝްމަނުންގެ ކިބައިން މަދީނާ ޙިމާޔަތްކުރެއްވުމަށްޓަކައި ޚަންދަޤު ކޮންނެވި އެވެ.

އަދި ބައެއް ބޭކަލުން ކަންތައް ކުރައްވާ ގޮތާމެދު ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ކީރިތި ރަސޫލާ ޚުދު މީސްތަކުން އެއްކުރައްވާ ވާހަކަފުޅު ދައްކަވާ ހައްދަވައެވެ. ނަމަވެސް ގިނަ ފަހަރު އެއިން ބޭކަލެއްގެ ނަންފުޅު ވިދާޅެއް ނުވެ އެވެ. އެއީ މީސްތަކުންގެ މެދުގައި އެބޭކަލުން ފަޟީޙަތް ނުކުރެއްވުމަށެވެ. ވިދާޅުވަނީ [މިވެނި އެވެނި ބަޔަކު މިފަދައިން ކަންތައް އެބަކުރެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟] ޝައްކެއް ނެތް ގޮތުގައި މިއީ މިކަމުގައި އޮތް އެންމެ ރީތި އުސްލޫބެވެ. އިޞްލާޙު ކުރަން ބޭނުންނަމަ މިފަދައިން ޢަމަލު ކުރުމަކީ ކާމިޔާބު އުސްލޫބެކެވެ. މިކަމުގެ ނަތީޖާ އަފްރާދުންނަށާއި މުޖުތަމައަށް ކުރާނެ ކަން ކަށަވަރެވެ.

އިސްވެދިޔަ ވާހަކަތަކުން އެންގޭ އެއްޗަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމެވެ. އަދި ވެރިއަކަށް ހުންނަ މީހާއަށް ވެސް ރައްޔިތުންގެ ފަރާތުން ޚިޔާލު ހުށަހެޅިދާނެކަމެވެ. އަދި އެޚިޔާލަކީ ޤައުމުގެ މަޞްލަޙަތު އޭގައިވާ ޚިޔާލެއް ނަމަ އެއަށް ޢަމަލު ކުރުން ލާޒިމު ކަމެވެ.

އޭގައި މަޞްލަޙަތެއް ނުވާކަމަށް ފެނިއްޖެނަމަ އެޚިޔާލަށް ޢަމަލު ކުރުމަކީ އޭނާގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ނޫންކަމެވެ. އަދި ވެރިއެއް ނަމަ އޭނާގެ އަމިއްލަ ޚިޔާލާ އެއްގޮތް ނޫން ޚިޔާލެއް އޭނާއަށް ހުށަހެޅިއްޖެ ނަމަ އެއަށް މަރުޙަބާ ކިއުމަކީވެސް މާތް ސިފައެއްކަމެވެ.އަޞްޙާބު ބޭކަލުންގެ ތެރެއިން ބޭކަލަކު ވިދާޅުވެފައިވެއެވެ. [މުޙައްމަދުގެފާނަށް ވުރެން ބޮޑަށް އަޞްޙާބުންނާއި ޚިޔާލު ބަދަލުކޮށް މަޝްވަރާ ހޯއްދަވާ ބޭކަލަކު ދުވަހަކުވެސް ތިމަންމެން ނުދެކެމެވެ.]

މުޖުތަމަޢުގެ ކަންތައްތަކުގެ އިތުރުން ދައުލަތް ހިންގުމުގައި މާތްވެގެންވާ އިސްލާމް ދީނުގެ އުޞޫލަކީވެސް މަޝްވަރާގެ ނިޒާމެވެ. މަޝްވަރާއަކީ މުހިއްމު އެއްޗެކެވެ. މަޝްވަރާއެއްނެތި ކަންތައްކުރުމަކީ އޭގޭ ނަތީޖާއާމެދު ސުވާލު އުފެދޭކަންކަމެވެ. އަދި ކަންކަމަށް ފާޑު ކިއުމަކީ ވެސް ކުރިއަރައި ތަހުޒީބުގެ ތެރެއަށް ވަނުމުގެ ތަޅުދަނޑިއެވެ. މިތަޅުދަނޑިން ހުރަސް ދޮރުފަތްތައް ހުޅުވިގެންދާނީ ފާޑުކިއުންތައް ބަލައިގަތުމުންނެވެ.

އިސްލާމީ ޝަރީޢަތުގައި ދައުލަތް ހިނގުމުގެ ނިޒާމު ބިނާވެގެންވަނީ މަޝްވަރާގެ މަތިވެރި އުޞޫލުތަކުގެ މައްޗަށެވެ. އާލު ޢިމްރާން ސޫރަތުގެ 159 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އެބައިމީހުންނަށް ކަލޭގެފާނު އޯގާތެރިވެވަޑައިގަތީ މާތް ﷲ ގެ ޙަޟްރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، ޚުލްޤުފުޅު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވީނަމަ، ކަލޭގެފާނުގެ އަރިހުން އެބައިމީހުން ދުރުހެލިވެގެން ހިގައްޖައީހެވެ. ފަހެ އެބައިމީހުންނަށް މަޢާފު ކުރައްވާށެވެ. އަދި އެބައިމީހުންގެ ފާފަ ފުއްސެވުމަށް އެދި ﷲ އަށް ދުޢާކުރައްވާށެވެ! އަދި މަޝްވަރާކުރެއްވުމަށް ބޭނުންފުޅުވާ ކަންކަމާމެދު އެބައިމީހުންނާ ކަލޭގެފާނު މަޝްވަރާ ކުރައްވާށެވެ. މަޝްވަރާކުރެއްވުމަށްފަހު ކަމެއްކުރެއްވުމަށް ކަލޭގެފާނު ޢަޒުމު ކަނޑަ އަޅުއްވައިފިނަމަ މާތް ﷲ އަށް ވަކީލު ކުރައްވައި އެކަމެއްކުރެއްވުމުގައި ކުރިއަށް ވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އެކަލާނގެ އަށް ވަކީލު ކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެ އެވެ."

އަދި މުއުމިނުންގެ ސިފަތައް ބަޔާންކުރައްވަމުން އައްޝޫރާ ސޫރަތުގެ 38 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި އެވެ. "އަދި، އެބައިމީހުންނަކީ، އެބައިމީހުން ހައްދަވާބޮޑުކުރެއްވި ރަސްކަލާނގެ ޙަޟުރަތަށް ކިޔަމަންތެރިވެ އިޖާބަދީ، ނަމާދުގެ ވަގުތުގައި ނަމާދު ޤާއިމުކުރާ މީހުންނެވެ. އަދި އެބައިމީހުންގެ މެދުގައި، ކަންތައްތައް ކުރުން އޮތީ މަޝްވަރާގެ މަތިންނެވެ. އަދި ތިމަން ﷲ އެބައި މީހުންނަށް ދެއްވި ރިޒުޤުން ﷲ ގެ މަގުގައި އެބައިމީހުން ހޭދަކޮށް އިންފާޤު ކުރަތެވެ."

ކުރީ އާޔަތުގައި އެވަނީ މާތް ނަބިއްޔާއަށް އައިސްފައިވާ އަމުރެކެވެ. ދެވަނަ އާޔަތުގައިވަނީ އެބަޔާންކުރައްވަނީ މުއުމިނުންގެ ސިފައެވެ. ކީރިތި ރަސޫލާގެ ސުއްނަތައް ނަޒަރު ހިނގާލުމުން މަޝްވަރާގެ ނިޒާމު ވަރަށް ފުރިހަމައަށް ބަޔާންކުރައްވާފައިވެ އެވެ. ބަދުރު ހަނގުރާމަ ކުރެއްވުމަށާއި ބަދުރުގެ އަސީރުންގެ މައްސަލައިގައްޔާއި، އުޙުދު ހަނގުރާމައަށް ނިކުމެވަޑައިގަތުމުގައި އަޞްޙާބުންގެ މަޝްވަރާ ހޯއްދަވާފައިވެއެވެ. އަދި ހަމަ އެހެންމެ އަޙްޒާބު ހަނގުރާމައިގައިވެސް މަޝްވަރާ ހޯއްދަވާފައިވެއެވެ. އަދި ދައުލަތް ހިނގުމުގެ ކަންކަމުގައި އަބޫބަކުރުއްޞިއްދީޤާއި، ޢުމަރުލްފާރޫޤުގެ މަޝްވަރާ ވަރަށް ގިނަ ގިނައިން ހޯއްދަވާ ކަމުގައިވި އެވެ. އަދި ސަރަޙައްދުތަކަށް ސަފީރުން ފޮނުއްވުމުގައި ވެސް ފޮނުއްވާ ބޭކަލުންނާ މެދު، މިދެބޭކަލުންގެ މަޝްވަރާ ހޯއްދަވަތެވެ.

ކީރިތި ރަސޫލާއަށް ފަހުގައި މަޝްވަރާގެ މަޖްލިސްތައް ފުޅާވެގެންދިޔައެވެ. އެއީ ނަބަވީ ޙަޔާތައް ފަހު ދެން ވަޙީއެއް ނާންނާނެތީއެވެ. މިހެންކަމުން ހުރިހާ ޚަލީފާއިންވެސް އަޞްޙާބު ބޭކަލުންގެ ތެރެއިން އިސް ބޭކަލުންނާއި، ޤަބީލާތަކުގެ ވެރިންނާއި، ޢިއްޒަތްތެރިންގެ މަޝްވަރާ ހޯއްދަވަ ތެވެ. އަދި ވަކިން ޚާއްޞަކޮށް ކީރިތި ޤުރްއާނާއި ނަބިއްޔާގެ ސުއްނަތުން އެބައިމީހުންނަށް ނައްޞެއް ފެންނަން ނުވާ ކަންކަމުގައި މަޝްވަރާތައް ގިނަ ކުރައްވަ އެވެ.

މިގޮތުން އަބޫބަކުރުގެފާނުގެ ޒަމާނުގައި ޤުރްއާން އެއްފޮތަކަށް ޖަމަޢަކުރެއްވުމުގައްޔާއި، މުރުތައްދުވީ މީހުންނާ ކުރެއްވި ހަނގުރާމަތަކުގެ މައްސަލައިގައްޔާއި، ޢިރާޤުން ފަތަޙަވި ބިންތައް ހަނގުރާމަވެރިންގެނަށް ބެއްސެވުމުގެ މައްސަލައިގައި އަޞްޙާބު ބޭކަލުންގެ މަޝްވަރާ ހޯއްދެވިއެވެ.

ޚިޔާލު ފާޅުކުރުމުގެ ހަމަތައް

ކޮންމެ އަކަސް މަޝްވަރާއާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މާތްވެގެންވާ އިސްލާމްދީނުގައި ވަނީ އަޚްލާޤީ މިންގަނޑަށް ފައްތާފައެވެ. ވަކި އުޞޫލުތަކެއްގެ ދަށުން އެކަން ކުރުމަށް ބާރު އަޅާފައެވެ. މިގޮތުން ކަނޑައަޅާފައިވާ އުޞޫލުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

ޚިޔާލު ފާޅުކުރުމަކީ މުޤައްދަސް ޙައްޤެކެވެ.

ޚިޔާލުފާޅުކުރުމަކީ އިންސާނީ ޙަޟާރަތުގައި މަތިވެރިވެރި ވެގެންވާ ޙައްޤަކަށްވީ ހިނދު ޚާއްޞަ ގޮތެއްގައި އެކި އެކި ދީންތަކުގެ ރަމްޒު ތަކަށް އިސްވެ ބަދު ބަސްބުނުމާއި ޥަހީއާ މެދު ޝައްކު އުފެއްދުމާއި ނަބީބޭކަލުންގެ ރިސާލާތުތައް ދޮގުކުރުމާއި ނަބީބޭކަލުންނާއި އެބޭކަލުންގެ އަޞްޙާބު ބޭކަލުންގެ ކާޓޫނު ކުރެހުމާއި ﷲ ބާވާލެއްވި ފޮތްތައް ދޮގުކުރުމާއި ދީންތަކަށް ފުރައްސާރަ ކުރުމާއި މިބާވަތުގެ ކަންކަމީ ޚިޔާލުފާޅުކުރުން ކަމުގައި ނުބެލެވޭނެއެވެ. އެއީ ސަމާވީ ދީންތަކާއި ވަޟްޢީ ފަލްސަފާތަކުފައި ވެސް މަނާވެގެންވާ ކަންކަމެވެ. އެހެން ނަމަވެސް ދީނީ ނުވަތަ ޢަޤީދާއާ ގުޅުން ހުރި ކަމެއްގައި ޙަޤީޤަތް ހޯދުމަށްޓަކައި ސުވާލު ކުރުމާއި ދީންތަކުގެ ޙަޤީޤަތް ހޯދުމަށް އަޅައިއުމުގެ ނަޒަރަކުން ޢިލްމީ ދިރާސާ ކުރުމާއި ޢިލްމީ ގޮތުން ޙުއްޖަތް ޤާއިމު ކުރުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއްނޫނެވެ.

ދީނާ ޚިލާފު ޚިޔާލަކަށް ނުވުން

އަލްޙުޖްރާތު ސޫރަތުގެ 1 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ [އޭ އީމާންވީ މީސްތަކުންނޭވެ! ﷲ އާއި އެކަލާނގެ ރަސޫލާ ކަމެއްގައި އަންގަވާފައިވާގޮތަށް ތިޔަބައިމީހުން އިސްވެ ގޮތް ނުކިޔާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. ހަމަކަށަވަރުން ﷲ އީ ތިޔަބައިމީހުން ދައްކާ ވާހަކަ ރަނގަޅަށް އައްސަވާ ވޮޑިގެންވާ އިލާހެވެ. ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.] މިހެން ކަމުން ﷲ އާއި އެކަލާނގެ ރަސޫލާ ކަމެއްގައި ނިންމަވާފައިވާ ގޮތަކަށް ނުވަތަ އެއާ ތަޢާރުޟްވާގޮތަކަށް ޚިޔާލެއް ހުށަހެޅިއްޖެ ނަމަ އެޚިޔާލުވާނީ ޝަރުޢީ ހަމަތަކުން ބޭރުގައިވާ ޚިޔާލަކަށެވެ.

ޝަރުޢީ ހަމަތަކުން ބޭރުވެއްޖެނަމަ އެއަށް ޢަމަލުކުރެވިގެން ނުވާނެއެވެ. އެއާ އެއްގޮތަށް މުޖުތަމަޢުގެ ކަމެއްވެސް އަދި އިސްލާމީ ދައުލަތެއްގެ ކަމެއްވެސް ނިންމިގެންވެސް ނުވާނެއެވެ.

ހުށަހެޅޭ ޚިޔާލަކީ ޖަމާޢަތުގެ މަޞްލަޙަތަށްޓަކައި ހުށަހެޅޭ ޚިޔާލަކަށްވުން

ވަކި ބައެއްގެފައިދާއަށްޓަކައި ހުށަހެޅޭ ޚިޔާލުތަކަކީ މަޞްލަޙަތު އޭގައި ވާ އެއްޗެއް ނޫނެވެ. ޚިޔާލު ފާޅުކުރަން ޖެހޭނީ މުޖުތަމަޢާއި ތިމާގެ ޤައުމުގެ ޢާއްމު މަޞްލަޙަތަށްޓައި ކަންތައްތައް އިޞްލާޙު ކުރުމަށެވެ. ފަހަރެއްގައި ވެސް ޖަމާޢަތުގެ ތެރޭގައި ފަސާދަ އުފެދި ޢާއްމު މަޞްލަޙަތަށް ބުރޫ އަރާފަދަ ގޮތަކަށް ޚިޔާލު ފާޅުކުރެވިގެން ނުވާނެއެވެ. އޭރުން ޚިޔާލު ފާޅުކުރުމުގެ މަޤްޞަދު ގެއްލި ހިނގައިދާނެ އެވެ.

މީގެ މާނައަކީ ވަކި ބަޔަކު އަމިއްލަ ފައިދާއަށްޓަކައި ކުރާ ކަންކަމަށް ފާޑު ނުކިޔާ ވާހަކައެއްނޫނެވެ. އެފަދަ ބަޔަކަށާއި އެފަދަ ކަންކަމަށް ފާޑު ކިޔަން ވާނެއެވެ . އެއީ އެބައިމީހުންނާއި އެބައިމީހުން ކުރާ އެކަންތައްތައް އިޞްލާޙު ކުރުމަށްޓަކައެވެ. މިއީ ފަސާދައެއްނޫނެވެ. މިއަށް ކިޔަނީ އިޞްލާޙު ކުރުމެވެ. ނަމަވެސް މިފަދައިން ޚިޔާލު ފާޅުކުރަންވާނީ ވެސް ޢަދާވާތްތެރިކަން މުޖުތަމަޢުގައި ނުފެތުރޭ ގޮތެއްގެ މަތިންނެވެ. އާލު ޢިމްރާން ސޫރަތުގެ 104 ވަނަ އާޔަތުގައި ﷲ ވަޙީކުކަރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. [ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައްނަހީކޮށް، ހެޔޮމަގަށް ގޮވާލާ ޖަމާޢަތެއް ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ. ކާމިޔާބު ލިބޭނެ ބަޔަކީ ހަމަ އެއީއެވެ.] މިހެންކަމުން ޚިޔާލު ފާޅުކުރުން ބިނާވާންޖެހޭނެ އަޞްލަކީ އިޞްލާޙެވެ. ފަސާދައެއްނޫނެވެ. ޢަދާވާތްތެރި ކަމެއްވެސް ނޫނެވެ. ޒާތީ ކަންތައްތަކެއް ވެސް ނޫނެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފި، ޙަޤީޤަތް ފޮރުވި، ހަވާނަފްސާ އެއްގޮތަށް ގޮސްފިކަމުގައި ވަނީ ނަމަ ނަތީޖާ ރަނގަޅެއްނުވާނެއެވެ. ކުރިންވެސް ދެންނެވި ފަދައިން މަޤްޞަދު އޮންނާނީ ގެއްލިފައެވެ.

އެއްވެސް ސަބަބަކާ ނުލައި ހުތުރު ބަސްތައް ނުބުނުން

ހުތުރު ބަސްތައް ބުނުމަކީ ﷲ ރުހި ވޮޑިގެންވާ ކަމެއްނޫނެވެ. ކޮންމެ ކަމަކާ ބެހޭގޮތުން ޚިޔާލު ފާޅުކުރިޔަސް މުސްލިމުންގެ ސިފަޔަކަށް ވާންވާނީ އަޚްލާޤީ މިންގަނޑުން އެޚިޔާލެއް ފާޅުކުރުމެވެ. ހުތުރު ބަހުން ބަސްބުނުމަކީ އިސްލާމް ދީން ތަރުޙީބުދޭ ކަމެއް ނޫނެވެ. ނަމަވެސް އެމީހެއްގެ ފުށުން ތިމާއަށް އަނިޔާވެރިކަމެއް ލިބިއްޖެނަމަ އެވާހަކަ ދެއްކިދާނެ އެވެ. އެމީހާކަން ކުރި ގޮތުގެ ވާހަކަ ހާމަކުރުމުގެ ގޮތުންނެވެ. މިއީ ﷲ ގެ ފޮތުން އެނގެން އޮތް ޙަޤީޤަތެކެވެ. އައްނިސާ ސޫރަތުގެ 148 ވަނަ އާޔަތުގައި ﷲ ބާވާލެއްވި ބަސްފުޅުގެ މާނައިގައިވެއެވެ: [އަނިޔާވެރިވެވި، އަނިޔާއެއް ލިބިގެންވާ މީހާ މެނުވީ، ބުނާ ބުނުމުން ނުބައިކަން ފާޅުކުރުމަށް ﷲ ލޯބިވެވޮޑިގެން ނުވެއެވެ. އައްސަވާ ވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވެއެވެ.]

ދީނީ ކަންކަމުގައި ޚިޔާލު ފާޅުކޮށް ވާހަކަ ދައްކާ އުޅޭ އުޅުމުގައި ޙިކުމަތުގެ ބޭނުން ކުރުން

ދީނުގައި ﷲ އާއި އެކަލާނގެ ނަބިއްޔާ ނިންމަވާފައިވާ ގޮތާއި ޚިލާފަށް ބަޔަކު މީހުން ޢަމަލު ކުރަމުންދާނަމަ، ނުވަތަ، ދީނުގެ ކަމެއް އޮޅުވާލެވޭނަމަ އެކަމެއްގައި ޙައްޤުގޮތް ބަޔާންކުރުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބުކަމެކެވެ. ވަކިން ޚާއްޞަކޮށް ދީނުގެ ޢިލްމުވެރިން މިކަމުގައި އިސްނަގަންޖެހޭނެއެވެ.

އެކަމަކު ދީނީ ކަންކަމުގައި ވާހަކަދައްކާ އުޅޭ އުޅުމުގައިވެސް ޙިކުމަތުގެ ބޭނުން ކުރުމަކީ މުހިއްމު ކަމެކެވެ. މީސްތަކުންގެ ތެރޭގައި ފިތުނަ އުފެދެން މެދުވެރިވާ ފަދަ ވާހަކަ ތައް ދެއްކުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. އަދި މީސްތަކުންގެ މެދުގައި މަޒްހަބީ ބައިބައިވުމާއި، ޖަދަލު އުފެދޭ ފަދަ ގޮތަކަށް ވެސް ވާހަކަ ދެއްކިގެން ނުވާނެއެވެ. ދީނީ ކަންކަމުގައި ޚިޔާލު ފާޅުކޮށް ވާހަކަ ދައްކަންވާނީ އެކަމަށް ޤާބިލު، އެކަށީގެންވާ ވަރަށް ތަޢުލީމު ލިބިފައިވާ މީހުންނެވެ.

ނޫން ނަމަ އެމީހަކަށް އެކުރެވެނީ އޭނާގެ މުޖުތަމަޢުގެ ޙައްޤުގައި ކުށެކެވެ. އަދި ﷲ ގެ ޙައްޤުގައިވެސް ކުށެކެވެ. ކަންކަމާ މެދު ޚިޔާލު ފާޅުކުރާއިރު ތިމާ ޚިޔާލު ފާޅުކޮށް ވާހަކަ ދައްކަންވާނީ ތިމާއަށް ޤާބިލުކަން ލިބިގެންވާ ދާއިރާގައެވެ. ތިމާ އަކީ ދީނީ ކަންކަމުގައި ވާހަކަ ދެއްކޭ ހައިޘިއްޔަތު ލިބިގެން ނުވާ މީހެއް ނަމަ ރީތި ގޮތަކީ ދީނީ ކަންކަމުގައި ވާހަކަ ނުދެއްކުމެވެ. ވަކިން ޚާއްޞަކޮށް ޙަރާމް ޙަލާލު ކަންކަމުގައި އެފަދަ މީހުން ވާހަކަ ދައްކައިގެން ނުވާނެ އެވެ.

ޚިޔާލު ފާޅުކުރުމުގައި މީހުންގެ އަބުރާ ނުބެހުން

ފާޑުކިޔަން ވާނީ މީހުން ކުރާ ކަންކަމަށެވެ. ކަންތައްތައް އިޞްލާޙު ވާނީ އޭރުންނެވެ. މީހުންގެ އަމިއްލަ ޒާތީ ކަންކަމަށް ފާޑުކިއުމުން މުޖުތަމަޢުގައި ޢަދާވާތްތެރިކަން އުފެދިދާނެ އެވެ. އަޅުގަނޑުމެންނަކީ މުސްލިމުންކަމުން އަޅުގަނޑުމެން ތަބާވާންވާ އަޚްލާޤީ ސިފަތަކެއްވެ އެވެ. މަކަރާއި ޙީލަތް ހަދައި މީހުންގެ ޢިއްޒަތް ނަގާލުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. ޢިއްޒަތަކީ ވަކި މީހަކަށް، ނުވަތަ ވަކި ބަޔަކަށް ދެއްވާފައިވާ އެއްޗެއް ނޫނެވެ.

އެންމެ މޮޅުމީހާއިން ފެށިގެން އެންމެ ނިކަމެތި މީހާއާ ހަމައަށް ކޮންމެ މީހަކަށް ވެސް އަބުރާއި ޢިއްޒަތް ލިބިގެން ވެއެވެ. ޢިއްޒަތްތެރިޔާ އޭނާގެ އަބުރާ ޢިއްޒަތް ޙިމާޔަތްވުމަށް އެދޭފަދައިން އަނެކާގެ އަބުރާ ޢިއްޒަތް ޙިމާޔަތްކުރުމަށްވެސް އެދެން ވާނެ އެވެ.

މިހެންކަމުން ޚިޔާލު ފާޅުކުރުމުގައި ތެދުވެރިވާން ވާނެ އެވެ. ދުލާއި ޤަލަމުން ޚިޔާލު ފާޅުކުރިއަސް އޭގައި މީހުންގެ ޙުރްމަތް ނުކެނޑޭ ފަދަ ގޮތަކަށް މީހުންނާއި މުޚާޠަބުކުރަންވާނެއެވެ. މީހުންގެ ސިފަ ބަދަލުކޮށް ކާޓޫނު ކުރަހައި، ﷲ ހެއްދެވި ގޮތް ބަދަލުކޮށް، ހުތުރު ގޮތްގޮތަށް މީހުންގެ ސޫރަ ބަދަލު ކުރުމަކީ އިސްލާމީ އުޞޫލެއް ނޫނެވެ. މިއީ ވަރަށް ގިނަ ބަޔަކު މިފަހަކަށް އައިސް ކުރާކަމެކެވެ. ނުބައި އާދައެކެވެ. މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޙުދޫދުން ބޭރުވެގެން ދިއުމެވެ. އިސްލާމީ ރިވެތި އުޞޫލެއް ވެސް ނޫނެވެ.

މީހުން ކުރާ ކަންކަމާބެހޭ ގޮތުން ފާޑު ކިޔާނަމަ އެކަމެއްގައި ޔަޤީކަން އޮތުން

ކޮންމެ ވާހަކައެއް ދެއްކިޔަސް، އެ ވާހަކައަކީ ހިގާފައިވާ ކަމަކާ ބެހޭގޮތުން ދެއްކި ވާހަކައެއްނަމަ، އެކަމަކާ މެދު ޔަޤީންކަން އޮންނަން ވާނެއެވެ. އެވާހަކަ އަކީ ދޮގުވާހަކައަކަށް ވެގެންނުވާނެއެވެ. އަދި ވަކިން ޚައްޞަކޮށް މީހަކަށް ނިސްބަތްކޮށް ކަމެއް ގެ ވާހަކަ ބުނާނަމަ، އެމީހަކު އެކަމެއްކުރިކަމަށް ހެކި ސާބިތުވެފައިވާން ވާނެއެވެ. ތުހުމަތުގެ ސަބަބުން މީހަކު އަދި ކުށްވެރިއަކަށް ނުވާނެ އެވެ.

އެމީހެއްގެ މައްޗައް ކަމެއް ސާބިތު ނުވާހާ ހިނދަކު ޝަރުޢީ، އަދި ޤާނޫނީ ހަމަތަކުން އެމީހާ އަކީ ކުށްވެރިއެއްނޫނެވެ. މީހުން ނުކުރާ ކަންކަން މީހުންގެ ބޮލުގައި އަޅުވާ ވާހަކަ ދެއްކުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި އެއީ އިސްލާމީ އުޞޫލެއް ވެސް ނޫނެވެ.

އިވޭ ކޮންމެ އަޑެއްގެ ތެދު ދޮގު ބަލައި ވާހަކަ ދެއްކުން

އިވޭ ކޮންމެ އަޑެއްގެ ތެދު ދޮގު ބެލުމަކީ އެވާހަކައަކަށް ޙަވާލާދީ އެވާހަކަ ދައްކާ މީހާ ކޮންމެހެން ބަލަން ޖެހޭ ކަމެކެވެ. ވަކިން ޚައްޞަކޮށް ނޫސްވެރިން މިކަމުގައި ތެދުވެރި ވާން ވާނެއެވެ. ޚަބަރެއް ލިބިއްޖެ ނަމަ، އެކަމެއްގެ ހަޤީޤަތް ބަލަން ވާނެ އެވެ. އިވޭ ކޮންމެ ވާހަކައެއް އެއީ ތެދުކަމަށް ބަލައި އެވާހަކަ ފެތުރުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ. ނޫން ނަމަ ފަހުން އެކަމާ ހިތާމަ ކުރަން ޖެހިދާނެ އެވެ.

ޚިޔާލު ހުށަހެޅޭ ފަރާތުން ޚިޔާލަށް އިޙުތިރާމު ކުރުން

ތިމާކުރާކަމަކަށް އެހެން މީހަކު ފާޑުކިޔާ ކަމުގައި ވަނީ ނަމަ އެކަމަކަށް މަރުޙަބާ ކިޔަންވާނެ އެވެ. ތިމާކުރާ ކަމަކާ އިދިކޮޅަށް، ނުވަތަ ދެކޭ ގޮތާއި ތަޢާރުޟްވާ ގޮތަށް މީހަކު ޚިޔާލެއް ދީފި ނަމަ، އެ ޚިޔާލު ދިން ފަރާތަކީ ތިމާގެ ޢަދާވާތްތެރިއެއް ކަމުގައި ދެކިގެން ނުވާނެއެވެ.

މިހެން ދެކެން ވެއްޖެ ނަމަ އެހިސާބުން މުޖުތަމަޢުގެ މިޞްރާބު ބަދަލުވާނެ އެވެ. ވީމާ އެހެން މީހުންގެ ޝުޢޫރުތަކާއި އިޙުސާސްތައް ދަތުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. ވަކިން ޚައްޞަކޮށް ޤައުމެއްގެ ވެރިއަކަށް ހުންނަ މީހާއަށް، އޭނާގެ ރައްޔިތުންގެ ފަރާތުން އަންނަ ޚިޔާލުތަކަށް އިޙުތިރާމު ކުރަން ވާނެ އެވެ. ޤައުމު ހިންގުމުގައި އޭގެ ބޭނުން ވެސް ކުރަން ވާނެ އެވެ. އޭރުން އެންމެނަށް ފައިދާ ކުރަނިވި ގޮތަކަށް މަޞްލަޙަތު އޮންނާނެ އެވެ. އަދި އެންމެން ވެސް އުޅޭނީ އުފަލުގަ އެވެ.

އިސްވެ ބަޔާންވެ ދިޔައީ މާތްވެގެންވާ އިސްލާމް ދީނުގެ އުޞޫލުތަކުގެ އަލީގައި ޚިޔާލު ފާޅުކުރުމާ ބެހޭ ގޮތުން އަޅުގަނޑު ބަޔާންކުރި ވާހަކަ ކޮޅެކެވެ. އެންމެހައި ބޭފުޅުންނަށް މަންފަޢާ ކުރާނޭ ކަމަށް ޔަޤީން ކުރަމެވެ.

މަސްދަރު: drshaheem.com