ބައިނަލްއަގުވާމީ ފެންވަރުގައި ހިންގި ފުރަތަމަ ފްރޮންޓިއާ+ އޮޕަރޭޝަންގައި ދިވެހި ފުލުހުން ބައިވެރިއްޖެ އެވެ.
މި އޮޕަރޭޝރޭޝަނަކީ ގިނަ ގައުމުތަކެއްގެ އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މިދިޔަ އެޕްރީލް އޭޕްރީލް 28 އިން މެއި 28 އަށް ކުރިއަށް ގެންދިޔ އޮޕަރޭޝަންގައި 7 ގައުމަކުން ބައިވެރިވެ، އިންޓަނޭޝަނަލް ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކޮށްފައިވެއެވެ.
ފްރޮންޓިއާ+ ނެޓްވޯކަކީ ސިންގަޕޫރުގެ އެންޓި-ސްކޭމް ކޮމާންޑްގެ އިސްނެގުމުގެ ދަށުން އުފެދުނު ނެޓްވޯކެކެވެ.
މިހާރު މި ނެޓްވޯކްގައި ސިންގަޕޫރު، އޮސްޓްރޭލިއާ، ކެނެޑާ، ހޮންކޮންގް، ތައިލެންޑް، ކޮރެއާ، މެލޭޝިއާ، އިންޑޮނޭޝިއާ، މަކާއޯ އަދި ހިރާއްޖެ ހިމެނެ އެވެ.
މި ނެޓްވޯކްގެ ބޭނުމަކީ އޮޅުވާލައިގެން ހިންނގާ މާލީ މުއާމަލާތްތަކާ ދެކޮޅަށް ގައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމާއި، އިންޓެލިޖެންސް ހިއްސާކުރުމާއި، ސްކޭމް ހުއްޓުވުމަށާއި ފައިސާ އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ އޮނިގަނޑެއް ގާއިމުކުރުމެވެ.
އޮޕަރޭޝަން ފްރޮންޓިއާ+ ގެ މައުލޫމާތު ހިއްސާކުރުމަށް މި މަހުގެ 3 ގައި ހޮންކޮންގްގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓަ އޮފް ޕޮލިސް އާދަމް ނަވީދާއި ސްކޭމް އިންވެސްޓިގޭޝަންގެ ހެޑް ވެރިޔާ އިންސްޕެކްޓަ އޮފް ޕޮލިސް ޝާމް މުޙައްމަދު ބައިވެރިވެވަޑައިގަތެވެ.
ފްރޮންޓިއާ+ އޮޕަރޭޝަންގެ މުއްދަތުގައި ރާއްޖޭގައި 199 ސްކޭމްގެ މައްސަލަ ރިޕޯޓްކުރި އެވެ. އެމައްސަލަތަކުގައި ޖުމްލަ 2.91 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ އިރު، އޭގެ ތެރެއިން 640,000 ރުފިޔާ އަނބުރާ ހޯދިފައިވެ އެވެ. މިއީ 21 ޕަސެންޓްގެ ރިކަވަރީ ރޭޓެއް ކަމަށްވާއިރު، މިއީ އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ރޭޓް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެގޮތުން، ފްރޮންޓިއާ+ ނެޓްވޯކްގައި ބައިވެރިވުމަކީ ރާއްޖޭގައި ސްކޭމްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަކީ ސްކޭމްތަކާ ދެކޮޅަށް އަވަހަށް ފިޔަވަޅު އެޅުމަށާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށް ބުންޏެވެ.
ރާއްޖޭގައި މިހާރު އާންމު ކުށްތަކުގެ ތެރޭގައި އެންމެ ގިނައިން ރިޕޯޓްކުރާ މައްސަލަތަކުގެ ތެރޭގައި އެކި ގޮތްގޮތަށް ހިންގަމުންދާ ސްކޭމްތައް ހިމެނެ އެވެ.