Last Updated: June 17, 09:26
Tuesday, June 17, 2025
ދުނިޔެ

އެމެރިކާ އިން 500،000 މީހުން ބޭރުވާން އަންގައިފި

ހަތަރު ގައުމަކަށް ނިސްބަތްވާ 500،000 މީހުން އެމެރިކާ ދޫކޮށް ދާން އެ ގައުމުން އަންގައިފި އެވެ.

އިމިގްރޭޝަންގެ ހާއްސަ ހުއްދައެއްގެ ދަށުން އެ ގައުމަށް އެތެރެވެފައިވާ ގިނަ އަދަދެއްގެ ބަޔަކު އެމެރިކާ ދޫކޮށް މިހާރުން މިހާރަށް ދާން ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީއެޗްއެސް) އިން އެންގީ މިއަދެވެ.

އެމެރިކާ ދޫކޮށް ދާން އެންގީ ކިއުބާ، ހައިޓީ، ނިކަރާގުއާގެ އިތުރުން ވެނެޒުއެލާގެ މީހުންނަށެވެ.

ޑީއެޗްއެސް އިން ބުނީ އެ ގައުމުތަކަށް ނިސްބަތްވާ 500،000 މީހުން އެމެރިކާ ދޫކޮށް ދާން އެންގި އިރު، އެ ގައުމުތަކަށް ނިސްބަތްވާ އިތުރު 500،000 މީހުންނަށް އެމެރިކާގައި އިތުރު ދެ އަަހަރަށް ތިބެވޭނެ ކަމަށެވެ.

އެމެރިކާ އަށް ހިޖުރަކުރާ މީހުން މަދުކުރަން ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، މި އަހަރުގެ ޖެނުއަރީގައީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތް ފަހުން ބައެއް ގައުމުތަކުގެ ގިނަ ބަޔަކު ޑިޕޯޓްކޮށް، އަދި އަމިއްލަ އަށް އެ ގައުމު ދޫކޮށް ދިއުމަށް ބާރު އެޅުމުގެ އިތުރަށް މި ފަހުން ބޭރުގެ ބައެއް ގައުމުތަކުގެ ދަރިވަރުންނަށް ވިސާ ދޫކުރުން ވެސް އޮތީ ހުއްޓާލައިފަ އެވެ.

މީގެ އިތުރުން މި މަހުގެ 9 އިން ފެށިގެން 12 ގައުމެއްގެ މީހުން އެމެރިކާ އަށް އެތެރެވުން މަނާ ވެސް ކޮށްފައިވެ އެވެ. އެ ގައުމުތަކަކީ އިރާން، އަފްގާނިސްތާން، ޔަމަން، ލީބިއާ، ސޯމާލިއާ، ސޫދާން، މިއަންމާ، ޗާޑް، ރިޕަބްލިކް އޮފް ކޮންގޯ، ގިނީ، އެރިތުރިއާ އަދި ހެއިޓީ އެވެ.

ޑީއެޗްއެސް އިން ބުނެފައިވާ ގޮތުގައި ހަތަރު ގައުމެއްގެ ގިނަ އަދަދެއްގެ ބަޔަކު އެމެރިކާ ދޫކޮށް ދާން އެންގި އިރު، މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް އެމެރިކާ އަށް އެތެރެވުމުގެ ފުރުސަތު 531،670 މީހަކަށް ދީފައިވެ އެވެ. މީގެ ސަބަބުން ކިއުބާ އާއި ހައިޓީ އަދި ނިކަރާގުއާ އިން އެމެރިކާ އަށް ގަވާއިދާ ހިލާފަށް އެތެރެވި މީހުންގެ ނިސްބަތް 98 ޕަސެންޓް ދަށްވެފައިވާ ކަމަށް ބުންޏެވެ.