Last Updated: June 17, 09:44
Tuesday, June 17, 2025
މުނިފޫހިފިލުވުން

'ލޯބިން' ލުއިކޮށްލީ 16 ކިލޯ!

އޮގަސްޓް މަހުގެ ކުރީކޮޅު އޮލިމްޕަހަށް އަންނަން އޮތް ފިލްމަކީ "ލޯބިން" އެވެ. މީގެ ޓީޒާއެއް ވެސް މީގެ ދުވަސްކޮޅެއް ކުރިން ދައްކައިލުމާ އެކު، ގިނަ ބަޔަކު ތިބީ ބަލާލަންދާ ހިތުން އެކަމުގެ އިންތިޒާރީގަ އެވެ.

އެކަމަކު އޭގެ ކުރިން މިއޮތީ "ލޯބިން" އާ ގުޅޭ ތަންކޮޅެއް ހާއްސަ ވާހަކައެކެވެ. އެއީ މި ފިލްމުގެ ލީޑް ބަތަލާ ތާތި އާދަމް، ފިލްމަށް ތައްޔާރުވުމުގެ ގޮތުން ބަރުދަނަށް ގެނައި ބޮޑު ބަދަލެއްގެ ވާހަކަ އެވެ. މި ވާހަކަ އޭނަ ސޯޝަލް މީޑިއާގައި ވެސް ،ގެނައި ބަދަލު ފެންނަ ދެ ފޮޓޯއެއްގެ ކޮލާޖެއް ހިއްސާކޮށް ކިޔައި ދީފައިވެ އެވެ.

ތާތި ބުނި ގޮތުގައި "ލޯބިން" ގައި އޭނަ ފެންނާނެ ތާރާގެ ކެރެކްޓާ އަށް ހެޔޮވަރުވުމުގެ ގޮތުން ބަރުދަނުން 16 ކިލޯ ލުއިކުރި އެވެ. މި ބަދަލު ގެނައުމުގެ ދަތުރު އޭނަ ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެހެންވެ މިދިޔަ މަހުގެ 1 ގައި ޝޫޓިން ފެށުމަށް ފަހު، އެ މަސައްކަތް މިހާރު ނިންމާލައި ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމަށް ތާތި ނެގީ ހަގީގަތުގައި އުނދަގޫ ޗެލެންޖެކެވެ.

އެކަމަކު "ލޯބިން" އަށް ތައްޔާރުވާން ހަށިގަނޑަށް ގެނައި ބޮޑު ބަދަލުން ތާތި މިއޮތީ ތާރާ އަކީ ހާއްސަ ކެރެކްޓާއަކަށް ވާނެކަން ދައްކުވައި ދީފަ އެވެ. އޭނަ ހިއްސާކުރި ފޮޓޯ އަށް ބަލާ އިރު، ގެނެސްފައި ހުރި ތަފާތު ވަރަށް ބޮޑަށް ފާހަގަކުރެވެ އެވެ. އެ ތަފާތު ދައްކުވައި ދީފައި ވަނީ ކުރިންނާއި މިހާރު ހަށިގަނޑު ހުރި ބަައްޓަން އެއް ހެދުމަކުން ދައްކާލައިގެންނެވެ.

އެ ހެދުމަކީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ރޭ އެޅުވި ފިލްމު "ސާޔާ" ބަލަން ދިޔަ އިރު، ޕްރީމިއާ އަށް ތާތި ބޭނުންކުރި ހެދުމެވެ. "ލޯބިން" އަކީ ތާތިގެ ފުރަތަމަ ފިލްމެއް ނޫނެވެ. އޭނަ ކުރިން ވެސް ތިން ފިލްމެއްގައި މަސައްކަތްކުރި އެވެ. އެއީ "ލޯބިން" ގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ މިދިޔަ އަހަރުގެ "ކަންބަޅި" އާއި 2023 ގެ "ފްރީ ޑެލިވަރީ" ގެ އިތުރުން ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ގެ މިދިޔަ އަހަރުގެ "ލަސްވިޔަސް" އެވެ.

މި ފިލްމުތަކުގެ އިތުރުން ބައެއް ވެބް ސީރީޒްތަކުގައި ވެސް ތާތި، 36، މަސައްކަތްކޮށްފައިވެ އެެވެ.

އެހެންވެ "ލޯބިން" އަށް ތާތި، ލޯބިން ތާރާ ކުޅެން ވި ގުރުބާނީ ބަލާލަން ވެސް މި ފިލްމަކީ ފޭނުން ނުބަލައި ދޫކޮށްލާ ވަރުގެ ފިލްމަކަށް ނުވާނެ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ލޯބިން" ޕްރީމިއާކުރަން ނިންމާފައި އޮތީ އޮގަސްޓް މަހުގެ 6 ގަ އެވެ. ލޯބީގެ ތަފާތު ވާހަކައެއް ކިޔައިދޭނެ މި ފިލްމަކީ އިއްލެ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ، މީގެ އެއް ބަތަލަކީތާތިގެ ފިރިމީހާ އިފްނާޒް ފިރާގެވެ.

"ލޯބިން" ގެ ކާސްޓުން ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަހުމަދު ޝާރިފްގެ އިތުރުން ވެސް ގިނަ ބަޔަކު ފެންނާނެ އެވެ.