Last Updated: July 13, 17:50
Sunday, July 13, 2025
ޚަބަރު

ލެއާ ގުޅޭ ހިދުމަތްތަކުގެ ތަފާސްހިސާބު ޑިޖިޓަލައިޒްކޮށްފި

އައްޑޫގައި މީހަކު ލޭ ހަދިޔާ ކުރަނީ.

ލޭ އެޅުމުގެ ޚިދުމަތް ފޯރުކޮށް ދޭ ހުރިހާ މަރުކަޒަކުން ދެމުން އަންނަ ޚިދުމަތްތަކުގެ ތަފާސްހިސާބްތައް ޑިޖިޓަލައިޒްކޮށް ބަލަހައްޓަން ފަށައިފި އެވެ.

އިއްޔެ ފާހަގަކުރި ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާއި ގުޅިގެން ޤައުމީ ޔުނިވަސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައިހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ލޭ ހަދިޔާ ކުރުމާއި ލޭ އެޅުމުގެ ފަރުވާގެ ނިޒާމް ހަރުދަނާކޮށް، ލޭ ބޭނުންވާ ފަރާތްތަކަށް ރައްކާތެރި ލޭ ލިބޭނެ ނިޒާމެއް ހަރުދަނާކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިނިޒާމުގެ ތެރެއިން ކޮންމެ މަހަކު ލޭ އަޅާ ފަރާތްތަކަށް ލޭ ފޯރުކޮށް ދެވޭ ގޮތުގެ ހެލްތު ރެކޯޑްސް އެއްކުރުމުން ލޭ ހަދިޔާ ކުރާ މިންވަރާއި، ލޭ އެންމެ ބޮޑަށް ބޭނުންވާ ޙާލަތްތަކާއި، ސަރަޙައްދުތައް ދެނެގަނެވޭނެ ކަމަށެވެ. އަދި އެފަދަ މަޢުލޫމާތުގެ އެހީގައި ދިރާސާތައް ކުރެވި، އެ ދިރާސާގެ އެހީގައި ރާއްޖެ އަށް ބޭނުންވާ ލޭގެ ޚިދުމަތުގެ ސިޔާސަތުތައް އެކުލެވިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ހަދިޔާ ކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެންމެ ފަހުގެ ޓެސްޓިން މެތަޑް ބޭނުން ކުރަން ފެށުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރާ ފަރާތްތައް ކަނޑައެޅުމަށް ޑޯނާސް ކަލެކްޝަން ކްރައިޓީރިއާ އެންޑޯސްކޮށް ތަންފީޒުކުރުމުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.