ދިވެހިންގެ ތެރޭގައި ލޭ ހަދިޔާކުރުމަޑް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ކޮލެޖް/ޔުނިވަސިޓީތަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިއްޔެ ފާހަގަކުރި ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާއި ގުޅިގެން ހެލްތު މިނިސްޓްރީން އެއްބަސްވުން ހަދާފައި ވަނީ ކޮލެޖު/ ޔުނިވަސިޓީތަކާއެކު އެވެ.
މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.
އެއްބަސްވުމުގައި ގައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ދަރިވަރުންގެ ޔޫނިއަންގެ ރައީސް އިބްރާހިމް މިޝަލް މޫސާ އެވެ. އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ދަރިވަރުންގެ ގުޅުމުގެ ރައީސް ހުސައިން އަރުބާން ފައްވާޒެވެ. ވިލާ ކޮލެޖް ސްޓޫޑަންޓް އެސޯސިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ރައީސް ހުސައިން ޖުނާނެވެ. މޯލްޑިވްސް ބިޒްނަސް ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ ކޮމިއުނިޓީ އެންގޭޖްމަންޓްގެ ސްޕެޝަލިސްޓް ރައްޔާން އަބުދުލްރަހީމެވެ. ޒިކްރާ އިންޓަނޭޝަނަލް ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ ޑީން އޮފް ފެކަލްޓީ އޮފް ސައިންސް އެންޑް ހިއުމަނިޓިސް އާމިނަތު ޒޫޝާން ހުސައިނެވެ.
އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝަރީ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީއިއޯ އާދިލް ރަޝީދެވެ.
މި އެއްބަސްވުންތަކުގައި ހިމެނެނީ މައިގަނޑު 5 ކަމެއް:
* ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތައް ހިންގުން
* އުނގަންނައި ދިނުމުގެ ތެރެއިންނާއި، އާންމުންގެ އެއްބާރުލުން ހޯދައިގެން ހިލޭސާބަހަށް ލޭ ހަދިޔާކުރުމަށް އެހީތެރިވާން ބާރު އެޅުން
* ލޭ ހަދިޔާ ކުރުން ކުރިއެރުވުމަށް މަސައްކަތް ކުރުމާއި، މުޖުތަމަޢުގެ އެހެން ފަރާތްތައް ގަވާއިދުން ހިލޭސާބަހަށް ލޭ ހަދިޔާކުރާ ބަޔަކަށް ހެދުމަށް ހިތްވަރު ދިނުން
* ލޭ ހަދިޔާ ކުރުމުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ޤައުމީ އިދާރާތަކާއި ކަމާ ގުޅޭ ޖަމްޢިއްޔާތަކާ އެކު މަސައްކަތް ކުރުން
* ފުރާނަ ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގައި ހިލޭ ސާބަހަށް ލޭ ހަދިޔާކުރާ މީހުންގެ އަގުވަޒަން ކުރުން
މިކަންކަމުގެ އިތުރުން ލޭ ބޭނުންވާ އެންމެންނަށް ރައްކާތެރި، އިތުބާރު ހުރި އަދި އެކަށީގެންވާ މިންވަރަށް ލޭ ލިބޭކަން ކަށަވަރުކުރުމަށް އެކި ދާއިރާތަކާއި މުއައްސަސާތަކާއެކު މަސައްކަތްކުރުމަށް ވެސް އެއްބަސްވުމުގައި ހިމަނާފައިވެ އެވެ.