މަގުބޫލު އުފެއްދުންތަކެއް ގެނެސްދީފައިވާ އެކްޓަރު/ޑައިރެކްޓަރު ރަވީ ފާރޫގް އަނެއްކާ ވެސް އާ ޕްރޮޖެކްޓެއް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
މީޑިއާނެޓަށް އޭނަ މި ފަހަރު ގެންނަން އުޅެނީ "ގަނާ" އެވެ. މި ސީރީޒްގެ ފަސްޓްލުކް ޕޯސްޓަރު މިއަދު އާންމުކޮށްފައިވާ އިރު، އޭގައިވާ ގޮތުން މިއީ ރަވީ ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭނެ އެއްޗެކެވެ. "ގަނާ" ގެ ޕޯސްޓަރުން ފެންނަނީ އަތްބުރިއެކެވެ.
ނަމަވެސް މިއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނެތެވެ.
ރަވީ އެންމެ ފަހުން މީޑިއާނެޓަށް ގެނެސްދިން ސީރީޒަކީ މި އަހަރުގެ ޖެނުއަރީގައި 10 އެޕިސޯޑަށް ގެނެސްދިން ކޯޕަރޭޓް ތުރިލާ "ހިންތާ" އެވެ. އޭނަގެ އާ ސީރީޒް "ގަނާ" އަކީ ވެސް "ހިންތާ" އުފެއްދި އެއްކާފު ޕްރޮޑަކްޝަނާއި މީޑިއާނެޓް ގުޅިގެން ގެނެސްދޭ އެއްޗެކެވެ.
ރަވީ، ޑައިރެކްޝަންގައި ހިއްސާވެ، މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމެއް ވެސް މި އަހަރު ސިނަމާ އަށް އަންނާނެ އެވެ. އެއީ ޑާކް ރެއިން އެންޓަޓައިންމަންޓުން އޮކްޓޯބަރު 6 އަށް ތާވަލުކޮށްފައި އޮތް އެކްޝަން ތުރިލާ "އަލިފާން" އެވެ. އެ ޑައިރެކްޓްކޮށްފައި ވަނީ ރަވީ އަލީ ޝިފާއު (ޗިއްޕެ) ގުޅިގެންނެވެ.
ރަވީގެ އެންމެ ފާހަގަކޮށްލެވޭ ޑައިރެކްޝަންތަކުގެ ތެރޭގައި 2017 ގެ "ވިޝްކާ" އާއި 2013 ގެ ކުރު ފިލްމު "އިނގިލި" ހިމެނެ އެވެ.