Last Updated: June 18, 10:16
Wednesday, June 18, 2025
ދުނިޔެ

ޔޫކޭގެ އެމް16 ގެ ވެރިއަކަށް އަލަށް އަންހެނެއް

އިނގިރޭސިވިލާތުގެ އެމް16 ނުވަތަ ސީކްރެޓް އިންޓެލިޖެންސް ސާވިސް (އެސްއައިއެސް) ގެ ވެރިޔަކަށް ފުރަތަމަ ފަހަރަށް އަންހެނަކު އައްޔަންކޮށްފި އެވެ.

މި އަހަރުގެ ފަހުކޮޅު މަގާމުގެ މަސްއޫލިއްޔާ ހަވާލުވެވަޑައިގަންނަވާނީ ބްލެއިޒް މެޓްރެވެލީ، 47، އެވެ. އޭނަ އެމް16 އާ ގުޅިވަޑައިގެންނެވީ 1999 ގަ އެވެ. މި ބްލެއިޒް މި ވަގުތު ހުންނެވީ އެސްއައިއެސްގެ ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން ޑިވިޝަންގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގަ އެވެ.

މި އަހަރުގެ ފަހުކޮޅު އޭނަ އެމް16 ގެ ޗީފްގެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާ އިރު، މިކަން ވެެގެން ދާނީ އެ އިދާއިރާގެ 116 އަހަރުގެ ތާރީހުގައި ވެސް ޗީފްގެ މަގާމު ކަނބަލަކު އަދާކުރައްވާ ފުރަތަމަ ފަހަރަށެވެ. އަދި ބްލެއިޒް ވާނީ އެމް16 ގެ 18 ބަނަ ޗީފަށެވެ.

މިހާރު އެ މަގާމުގައި ހުންނެވީ ސާ ރިޗަޑް މޫ، 62، އެވެ. އޭނަ އެމް16 ގެ ޗީފްގެ މަގާމަށް އައްޔަންކުރީ އޮކްޓޯބަރު 1، 2020 ގަ އެވެ.

އެމް16 ގެ ވެރިޔަކަށް އަންހެން ބޭފުޅަކު އައްޔަންކުރުމާ ގުޅޭ ގޮތުން އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވީ މިއީ ވަރަށް ވެސް ތާރީީހީ ކަމެއް ކަމަށާއި މިއީ ތާރީހީ ބަދަލުތަކެއްގެ ފެށުން ވެސް ކަމަށެވެ.