ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ތާއީދު ނުކުރާނެ ކަމަށާއި ކައުންސިލްތަކުން ރައްޔިތުންނަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާ މިހާތަނަށް ފެންނަން އެބަހުރި ކަމަށް ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ކައުންސިލަރުންގެ އަދަދު މަދުކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިޔާލު ހޯދަން ޕީއެންސީ އަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ގަފޫރު ވިދާޅުވީ މައްސަލައަކީ ކައުންސިލްތަކުގެ މައްސަލައެއް ނޫން ކަމަށާއި މައްސަލައަކީ މި ގައުމަށް އަންނަ ސަރުކާރުތައް ކަމަށެވެ.
އޭނަ ވިދާޅުވީ ރައްޔިތުންގެ ވޯޓުން ހޮވާ މީހުން މަގާމުތަކުގައި ބައިތިއްބާކަށް ހުދުމުހުތާރު ވެރިކަމެއް ކިރަން ބޭނުންވާ ބަޔަކު ބޭނުމެއް ނުވާނެ ކަމަށެވެ. އެހެންވެ މިއީ ލާމަރުކަޒީ ނިޒާމު ހަލާކުކުރުމު ސިލްސިލާއެއްގެ ފެށުން ކަމަށް ވެސް ގަފޫރް ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓު ވެސް އެ އޮތީ ފުނޑާލާފައި. މާދަމާ އޮޑިޓް އޮފީސް ފުނޑާލާނީ. އެ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރިމަތީގައި ފެންނަމުން މި ދަނީ. ރަށެއްގެ ނިންމަން ޖެހޭ ހުރިހާ ކަމެއް ނިންމަން ފަސް ބޭފުޅުން ތިބުން އެއީ ބަޔަކު އަޖައިބުވާން ޖެހޭ ވަރު ކަމެއްތޯ؟" އޭނަ ވިދާޅުވި އެވެ. "ރަށް ކުޑަޔަސް، އާބާދީ މަދަސް ބޮޑު ރަށެއްގައި ހުރި ހުރިހާ މައްސަލަތަކެއް އެ ރަށުގައި ވެސް ހުންނާނެ. ފެނާއި ނަރުދަމާ އާއި، ބަނދަރާއި، އެހެންގޮސް އެ ހުރިހާ ކަމެއް އެ ރަށުގައި ވެސް ހުންނާނެ. އަޅުގަނޑުމެން މިއަދު ޚަރަދު ބޮޑުވެގެން ވާހަކަދައްކާއިރު މިދިޔަ އަހަރާ ހިސާބަށް ކައުންސިލަރުންގެ މުސާރައަކަށް މި ދެނީ ބާރަހާސް ރުފިޔާ. މިއީ މި ތަނުގެ އާދައިގެ އޮފީހެއްގެ މުވައްޒަފަކަށް ވެސް ލިބޭނެ މުސާރަ."
ގަފޫރު ވިދާޅުވީ ބޭނުން ނުވާ ވަރަށް ސިޔާސީ މީހުންނާއި ސަރުކާރުގެ އޮފީސްތަކަށް މީހުން ލުމަކީ ވެރިކަން ދެމިހުންނާނެ ކަމެއް ނޫން ކަމަށެވެ.
"ހަމަ ހުރިހާ ސަރުކާރުތަކުން ވެރިކަމަށް އައިމާ ޖެހުނު ދިމާލަކުން ލޫޓުވާލައި، މުޅި ދައުލަތް ކޮޅާލައި، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ޙައްދެއް ހުދޫދެއް ނެތި އެ މަންޒަރު އަޅުގަނޑުމެންނަށް ފެންނަމުން މި ދަނީ." އޭނަ ވިދާޅުވި އެވެ.