Last Updated: June 18, 10:01
Wednesday, June 18, 2025
ޚަބަރު

ސީ-ޓު-އެއާ ކާގޯގައި މިހާރު 17 އެެއާލައިނެއް

މިދިޔަ އަހަރު ފެށި ސީ-ޓު-އެއާ ކާގޯގެ ޚިދުމަތާ ގުޅުނު އެއާލައިންތަކުގެ އަދަދު މިހާރު 17 އަށް އަރާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޑެޓް (އެމްސީއެލް) އިން ބުނެފި އެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 15 ގައި ފެށި މި ހިދުމަތަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު ބޭނުންވާ މަންޒިލަށް ވައިގެ މަގުން އަވަހަށް ފޯރުކޮށް ދިނުމަށް، ދެ ކުންފުނި ގުޅިގެން ފެށި ހިދުމަތަމަތެކެވެ.

ސީ-ޓު-އެއާ ކާގޯގެ ހިދުމަތާ އެންމެ ފުރަތަމަ ގުޅުނު އެއާލައިނަކީ ޓާކިޝް އެއާލައިނެވެ. އަދި މިހާރު މި ހިދުމަތް ދުނިޔޭގެ 23 މަންޒިލަކަށް ފޯރުކޮށް ދެ އެވެ.

ސީ-ޓު-އެއާ ކާގޯ ޚިދުމަތް ފުޅާވަމުން އަންނައިރު އަހަރު ދުވަހުގެ ތެރޭގައި އެ ހިދުމަތް މެދުވެތިކޮށް ދެ މިލިއަން ކިލޯގެ ކާގޯ އުފުލާފައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައިވާ ގޮތުގައި ސީ-ޓު-އެއާ ކާގޯ ހިދުމަތުގެ ޑިމާންޑު އިތުރުވަމުން އަންނާތީ މިހާރު އެންމެ ބޮޑު އިސްކަމެއްދެނީ އެ ދާއިރާ ރެގިއުލޭޓުކޮށް ކުރިއެރުވުމަށް ކަމަށެވެ.