ދެން އޮންނަ ރިޔާސީ އިންތިހާބަށް ވާދަކުރައްވަން ޝައުވެރިކަން ފާޅުކުރައްވާފައިވާ އެމްޑީޕީގެ ޗެއާޕަސަނާއި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުވުމެއް ބާއްވައިފި އެވެ.
ނަޝީދަކީ މިހާރު ދަ ޑިމޮޮކްރެޓްސް އަށް ނިސްބަތްވާ ބޭފުޅެކެވެ.
ނަޝީދާއި ފައްޔާޒް މިއަދު ބައްދަލު ކުރައްވާފައި ވަނީ 2028 ގެ ރިޔާސީ އިންތިހާބަށް ނުކުންނަވަން ޝައުގުވެރިކަން ފާޅުކުރައްވައި އެ ވާހަކަ ދާދި ފަހުން އެމްޑީޕީގެ އިސް ބައެއް މެންބަރުންނާ މެސެޖަކުން ހިއްސާ ވެސް ކުރައްވާފައި ވަނިކޮށެވެ.
ނަޝީދާއި ފައްޔާޒް މިއަދު ބައްދަލުކުރެއްވީ ގ. ބޮޑުފެންވަޅުގޭގަ އެވެ.
އެކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ފައްޔާޒް ވަނީ ނަޝީދާއި ޑިމޮކްރެޓުންގެ މެންބަރުން ދެއްވި މެންދުރު ކެއުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލު ބަަދަލުކޮށްލެވިއްޖެ،" އޭނަ ވިދާޅުވި އެވެ. "ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތްކޮށްގެން."
ރ. ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން ދެއްވި މެންދުރުގެ ކެއުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލުބަަދަލުކޮށްލެވިއްޖެ. ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް… pic.twitter.com/eb682G0mXg
— Fayyaz Ismail (@faya_i) June 16, 2025
ނަޝީދު އެމްޑީޕީ ދޫކޮށްލެއްވީ 2023 ގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވައި ޓިކެޓް ލިބިވަޑައިނުގަތުމުންނެވެ. އަދި އެ އަހަރު ނަޝީދު އިސްކޮށް ހުންނަވައިގެން ޑިމޮކްރެޓްސް އުފައްދައި، އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ވެސް ނެރުނުވެ.
ނަޝީދު މި ފަހުން ގެންދަވަނީ ޑިމޮކްރެޓްސް އާއި އެމްޑީޕީ އެކީގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ. އެއީ ގައުމުގެ ސިޔާސީ ކުރިމަމަށްޓަކައި މުހިއްމު ކަމެއް ކަމަށް ވެސް ވިދާޅުވެ އެވެ.