އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، މިތުން ޗަކްރަބަތީގެ 75 ވަނަ އުފަން ދުވަހާ ގުޅުވައި މިއަދު އޭނަގެ އާއިލީ ފިލްމު ކުންފުނި، މިރިންޑް މޫވީސް އިން "ޓޯސްޓެޑް: އޭކް ކަޅަކް ލަވް ސްޓޯރީ" ކިޔާ މިނީ-ވެބް ސީރީޒެއް އިއުލާންކޮށްފި އެވެ.
މި އަހަރުގެ ނޮވެމްވަރު މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ސީރީޒްގެ ޑައިރެކްޓަރަކީ އޭނަގެ ހަގު ފިރިހެން ދަރިފުޅު ނަމާޝީ ޗަކްރަބަތީ އެވެ. "ޓޯސްޓް" ގެ ކާސްޓްގައި އޭނަ ވެސް ހިމެނޭ ގޮތަށް މިތުން އާއި އަންހެނުން ކުރީގެ ބަތަލާ ޔޮގީތާ ބާލީ ވެސް ހިމެނެ އެވެ.
ސީރީޒްގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ސްވަޕްނިލް ރާޖޭ އެވެ.
ބައްޕަ އާއި މަންމަ ހިމަނައިގެން ނަމާޝީ "ޓޯސްޓް" ޑައިރެކްޓްކޮށް، މީގެ ރޯލެއް ވެސް ކުޅެފައިވާ އިރު، އޭނަ ބޮލީވުޑަށް ތައާރަފުވީ ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީގެ 2023 ގެ "ބޭޑް ބޯއި" އިންނެވެ. ނަމާޝީ މިދިޔަ އަހަރު، ޓެގް ލައިނަކަށް "އަ ހޯންޓިން ލަވް ސްޓޯރީ" ހިމަނައިގެން ފީޗާ ފިލްމެއް ވެސް ޑައިރެކްޓްކުރަން ފެށި އެވެ. އޭގެ ބަތަލަކީ ވެސް އޭނަ އެވެ.
ނަމަވެސް އެ ފިލްމާ ބެހޭ އާ މައުލޫމާތެއް ފަހަކުން ނުލިބެ އެވެ.
ދަރިޔަކު ޑައިރެކްޓްކުރާ މިނީ ސީރީޒެއްގައި މިތުން މަސައްކަތް ކުރަން ތައްޔާރުވަމުން އަންނަ އިރު، އޭނަ އަކީ އިންޑިއާގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރެއިން އެކެކެވެ. މިހާތަނަށް 350 އެއްހާ ފިލްމު ކުޅެފައިވާ މިތުންގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ ސެޕްޓެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ "ދަ ބެންގާލް ފައިލްސް" އެވެ.