Last Updated: June 18, 10:47
Wednesday, June 18, 2025
ރިޕޯޓް

ނަމާދު؛ މުއުމިނުންގެ މިޢުރާޖު!

މާތްﷲ އަށް ކުއްތަންވެވޭ ވަރަށް ގިނަ ގޮތްތައް ހުރެއެވެ. މި ހުރިހާ ގޮތްތަކުގެ ތެރެއިންވެސް އެންމެ ޚާއްސަ ގޮތަކީ ނަމާދެވެ. ނަމާދަކީ އިސްލާމް ދީނުގައި ވަރަށް މަތިވެރި މަޤާމެއްގައިވާ އަޅުކަމެކެވެ. ނަމާދާ އެއްވަރު އެހެން އެއްވެސް އަޅުކަމެއް ނުވެ އެވެ. އެއީ ދީނުގެ ތަނބެވެ.

ތަނބުތައް ވަރުގަދަ ނަމަ އިމާރާތް ވަރުގަދަ ވާނެ އެވެ. ތަނބުތައް ބަލިކަށި ނަމަ އިމާރާތް ބަލިކަށިވާނެ އެވެ.

ނަމާދު ފަރުޟު ކުރެއްވުމަށްޓަކައި މާތް ﷲ ޚާއްސަ އިންތިޒާމެއް ހަމަޖެއްސެ ވިއެވެ. ނަމާދު ފަރުޟު ކުރެއްވުނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މިޢުރާޖުގެ ދަތުރުފުޅުގައި ހަތް އުޑުގެ މަތީގަ އެވެ. އެ ދަތުރުފުޅުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެއްވެސް ތަރުޖަމާނަކާއިނުލާ ވަޙީ ބާއްވައިލެއްވުނެވެ.

ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެގެން މެނުވީ އެއްވެސް މީހަކަށް ހިދާޔަތުގެ މަގުގައި ފައިތިލަ ސާބިތު ނުކުރެވޭނެ އެވެ. އަޅާ އާއި އޭނާގެ ރައްބާ ދެމެދު އޮންނަ ރޫޙާނީ ގުޅުން ބަދަހި ކުރަން ބޭނުން ނަމަ، ފަރުޟު ފަސް ނަމާދު ވަގުތުން ވަގުތަށް އަދާކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. ރަށުގައި ޤާއިމުވެ ހުންނަ މީހާ އާއި ދަތުރުވެރިޔާ އާއި އަމަންއަމާންކަމުގައި ދިރިއުޅޭ މީހާ އާއި ބިރުވެރިކަމުގައި ދިރިއުޅޭ މީހާ އާއި ހަނގުރާމަވެރިޔާ ވެސް ނަމާދު ޤާއިމުކުރުމަށް އަމުރުކުރައްވައިފައިވެ އެވެ.

މާތްﷲ ވަޙީކުރައްވާފައިވެ އެވެ.

حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَى وَقُومُوا لِلَّهِ قَانِتِينَ، فَإِنْ خِفْتُمْ فَرِجَالًا أَوْ رُكْبَانًا فَإِذَا أَمِنْتُمْ فَاذْكُرُوا اللَّهَ كَمَا عَلَّمَكُمْ مَا لَمْ تَكُونُوا تَعْلَمُونَ (އަލްބަޤަރާ: 238، 239)،

މާނައީ: ”ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދު ނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު ނަމާދުގައި ޤާއިމުވެ ތިބޭށެވެ! (238) ފަހެ، ތިޔަބައިމީހުންނަށް ބިރުވެރި ކަމެއް މެދުވެރިވެއްޖެނަމަ، ފައިމަގުގައި ހިނގަހިނގާ ތިބެގެން، ނުވަތަ، ސަވާރުވެތިބެގެން ނަމާދު ކުރާހުށިކަމެވެ! ދެން، ތިޔަބައިމީހުންނަށް އަމާންކަން ލިބިއްޖެނަމަ، ތިޔަބައިމީހުން، ﷲ ހަނދުމަކުރާށެވެ! (އެބަހީ: ކުރީގައި ނަމާދުކޮށް އުޅުނު ގޮތަށް ނަމާދުކުރާށެވެ!) ތިޔަބައިމީހުންނަށް އެނގިގެން ނުވާ ކަންތައް، އެކަލާނގެ ތިޔަބައިމީހުންނަށް އުނގަންނަވައި ދެއްވި ފަދައިންނެވެ.“

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އެންމެ ޚާއްސަ އެއް ސިފައަކީ ނަމާދަށް އެބޭކަލުން ދެއްވި އަހައްމިއްްޔަތެވެ.

تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا ۖ سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ

اللَّه ގެ ޙަޟްރަތުން ފަޟްލުވަންތަވެރިކަމާއި، ރުއްސެވުން އެދޭ ޙާލު، ރުކޫޢުކޮށް ސަޖިދަކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. ސަޖިދައިގެ އަސަރުން، އެއުރެންގެ ޢަލާމާތް އެއުރެންގެ މޫނުތަކުގައިވެއެވެ.

ނަމާދަކީ އަޅާއާއި އޭނަގެ ރައްބާއި ގުޅުވައިދޭ ވަސީލަތެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައި ވެއެވެ.

“ތިޔަބައިމީހުންކުރެ މީހަކު ނިދާހިނދު އޭނާގެ ކަނދުރާގައި ޝައިޠާނާ ތިން ގޮށްޖަހައެވެ. (ދެން އޭނާ ބުނާނެއެވެ.) ތިބާގެ މައްޗަށް ދިގު ރެއެއް ވެއެވެ. ފަހެ ނިދާށެވެ. ފަހެ އޭނާ ހޭލައި ﷲއަށް ޛިކުރު ކޮއްފިނަމަ (އެބަހީ ނިދިން ހޭލާ ކިޔަން ވާރިދުވެފައިވާ ދުޢާ ކިޔައިފި ނަމަ) އެއް ގޮށް މޮހިގެންދެ އެވެ. ދެން އޭނާ ވުޟޫކޮށްފި ނަމަ އަނެއް ގޮށް މޮހިގެން ދެ އެވެ. ދެން އޭނާ ނަމާދު ކޮށްފިނަމަ ތިންވަނަ ގޮށް މޮހިގެން ދެއެވެ. ފަހެ އޭނާ ހެނދުނުކުރާހުށީ މުރާލި ހީވާގި މީހެއްގެ ގޮތުގައެވެ. އެހެން ނޫނީ އޭނާ ހެނދުނުކުރާހުށީ ހިތް ނުތަނަވަސް ކަންނެތް މީހެއްގެ ގޮތުގަ އެވެ.”

ނިކަން ދެކެބަލާށެވެ. ތިޔަބައި މީހުންގެ ތެރެއިން މީހެއްގެ ގޭގެ ދޮރުމަތީގައި ކޯރެއް އޮތްނަމަ، އެ ކޯރުން އެމީހަކު ކޮންމެ ދުވަހަކު ފަސް ފަހަރު ފެންވަރާނަމަ އޭނާގެ ގައިގައި އެއްވެސް މިލައެއް ހުންނާނެ ކަމަށް ތިޔަބައިމީހުން ބުނާނެ ހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. އޭނާގެ ގައިގައި އެއްވެސް މިލައެއް ނުހުންނާނެއެވެ. އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ. އެއީ ފަސް ނަމާދުގެ މިސާލެވެ. ﷲތަޢާލާ އެނަމާދުތަކުގެ ސަބަބުން ފާފަތައް ފުއްސަވައެވެ.”

قَدْ أَفْلَحَ الْمُؤْمِنُونَ ‎﴿١﴾‏ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ ‎﴿٢﴾‏

މުއުމިނުން ކާމިޔާބި ވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ.

ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއަކީވެސް ކުށްފާފަތަކުގެ ކައްފާރާއެކެވެ.

«أَرَأَيْتُمْ لَوْ أَنَّ نَهْرًا بِبَابِ أَحَدِكُمْ يَغْتَسِلُ مِنْهُ كُلَّ يَوْمٍ خَمْسَ مَرَّاتٍ، هَلْ يَبْقَى مِنْ دَرَنِهِ شَيْءٌ؟» قَالُوا: لَا يَبْقَى مِنْ دَرَنِهِ شَيْءٌ، قَالَ: «فَذَلِكَ مَثَلُ الصَّلَوَاتِ الْخَمْسِ، يَمْحُو اللهُ بِهِنَّ الْخَطَايَا»

“މީހަކު ވުޟޫކޮށް އެ ވުޟޫ ފުރިހަމަކޮށްފިނަމަ، އޭނާގެ ކުށް ފާފަތައް އޭނާގެ ހަށިގަނޑުން ބޭރުވެ އޭނާގެ ނިޔަފަތިތަކުގެ ދަށުން ނުކުންނާނެތެވެ.” رواه مسلم

ކާމިޔާބު ލިބުން ވަނީ ނަމާދު ޤާއިމުކުރުމުގަ އެވެ. ކޮންމެ ޙާލެއްގައި ވިޔަސް ނަމާދު ދޫކޮށް ނުލާށެވެ. ނަމާދަކީ, ހިތަށް ހަމަޖެހުން ލިބޭ އަޅުކަމެކެވެ. ކަންބޮޑުވުމާއި ހާސްވުން ފަދަ ކަންކަމުން ދުރުކޮށްދޭ އަޅުކަމެކެވެ.

މަސްދަރު: އިލްމު.އެމްވީ