ފ.މަގޫދޫގައި ތަރައްގީ ކުރަަން ފެށި އެއާޕޯޓްގެ މަސައްކަތް ހުއްޓާނުލ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އެ އެއާޕޯޓާ ގުޅޭ ގޮތުން އާންމުންގެ ފަރާތަކުން މައުލޫމާތު ހޯދުމަށް މި މަހުގެ 9 ގައި ފޮނުވި ސިޓީއަކަށް ރައީސް އޮފީހުން މިއަދު ދިން ދިން ޖަވާބުގައި ބުނެފައި ވަނީ މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލަން ކެބިނެޓުން ނިންމާފައި ނުވާ ކަމަށެވެ.
މަގޫދޫ އެއާޕޯޓްގެ މައްސަލަ ހޫނުވެފައި ވަނީ އެރަށް ކައިރީ އޮންނަ ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ނިންމުމާ ގުޅިގެންނެވެ.
މި އެއާޕޯޓާ ގުޅޭ ގޮތުން މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައި ވަނީ މި ދައުރުގެ ތެރޭގައި މަގޫދޫ އެއާޕޯޓް ހުޅުވާނެ ކަމަށެވެ. އޭރު މިނިސްޓަރު ވިދާޅުވީ ކުރިން ނިލަންދޫގައި އެޅުމަށް އޮތް އެއާޕޯޓް ފަހުން މަގޫދު އަށް ކުރީގެ ސަރުކާރުން ބަދަލުކުރީ ރަނގަޅަށް ނޫން ނަމަވެސް، މި ސަރުކާރުން މަގޫދޫ އެއާޕޯޓް މަސައްކަތް ހުއްޓާނު ލައި ކުރިއަށް ގެންދާނެ ކަމަށެވެ.
މަގޫދޫ އެއާޕޯޓުގެ 75 ޕަސެންޓް މަސައްކަތް މިހާރު އޮތީީ ނިމިފައެވެ. މި އެއާޕޯޓަކީ ދައުލަތުގެ ބަޖެޓުން 231.5 މިލިއަން ހަރަދުކޮށްގެން ތަރައްޤީކުރާ ގޮތަށް ނިންމި އެއާޕޯޓެކެވެ. އެއާޕޯޓްގެ ހަދަން ނިންމީ 1،800 މީޓަރުގެ ރަންވޭއެކެވެ.