ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން 10 ބިލިއަން ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ މިދިޔަ ފަސް އަހަރު ސަރުކާރުގެ ކުންފުނިތަކުން އެތައް ބިލިއަން ރުފިޔާގެ ފައިސާ ގެއްލުވާލާފައިވާ ކަމަށެވެ. އެގޮތުން ފެނަކައަށް އެކަނިވެސް މިދިޔަ ފަސް އަހަރު ތެރޭ ހަތަރު ބިލިއަނެއްހާ ރުފިޔާގެ ގެއްލުންވެފައިވާކަން މިހާތަނަށް މާލިއްޔަތު ކޮމެޓީން ބެލި ބެލުމުން ފާހަގަވާ ކަމަށެވެ.
"މުޅި ހުރިހާ ކުންފުންޏަކަށް ބަލާ އިރު، ގާތްގަނޑަކަށް އެ ފަސް އަހަރުގެ ތެރޭގައި އެ ކުންފުނިތަކުން ދިހަ ވަރަކަށް ބިލިއަން ރުފިޔާ އެބަހުރި ސީދާ ވަގަށް ނަގާފައި. މި ދެންނެވީ ބާޒާރުގައި ހުންނަ އަގުތަކަށްވުރެ ބޮޑު އަގުގައި ތަކެތި ގަނެގެންނާއި ބޮޑު އަގުގައި މަސައްކަތްތައް ދީގެން، ދިހަ ބިލިއަނާ ކައިރިއަށް އެބަހުރި. އަޅުގަނޑުމެން މިހާރު މި ކުރާ ދިރާސާތަކުން ގާތްގަނޑަކަށް ލަފާކޮށްލާފައި ބުނަން އެނގޭ ދިހަ ވަރަކަށް ބިލިއަން ރުފިޔާ އެބަހުރި ވަގަށް ނަގާފައި،" އޭނާ ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ރައީސް ޑރ މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ގައުމު އޮތީ ހީކުރިވަރަށް ވުރެ ގޯސް ކޮށްކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ތަފްސީލުކޮށް އެގެން ޖެހޭ ކަމެއް ކަމަށް ސަލީމު ވިދާޅުވިއެވެ.
"ދެން މި އުޅެނީ އަޅުގަނޑުމެންގެ ރައީސުލްޖުމްހުރިއްޔާ ޑރ. މުއިއްޒުގެ އިސްތަށިފުޅުގައި މިކަހަލަ ބަދުނާމެއް އަޅުވަން ވެގެން. އެ ބަދުނާމު އިރާދަކުރެއްވިއްޔާ ނޭޅުވޭނެ. އިރާދަކުރެއްވިއްޔާ އެ މަނިކުފާނު އެ ގެންދަވަނީ އެ މަނިކުފާނަށް މި ގައުމުގައި ކުރެވެން އޮތް އެންމެ ރަނގަޅަކަށް މަސައްކަތްޕުޅު ކުރައްވަމުން،" އޭނާ ވިދާޅުވިއެވެ.
ސަލީމް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދެ އަހަރުވާން ކައިރިވާ އިރު، އެމަނިކުފާނު އެ ގެންދަވަނީ މި ގައުމަށް ލިބޭ އެއްޗަކުން މާބޮޑު ދަރަނިތަކެއް ނުނަގައި ގައުމު ހިންގަމުން ކަމަށެވެ.