Last Updated: June 18, 09:04
Wednesday, June 18, 2025
މުނިފޫހިފިލުވުން

ނަހުލާގެ "ސޮރީ" މިރޭ

ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ އާ ފިލްމު "ސޮރީ" މިރޭ އޮލިމްޕަހުގައި ޕްރިމިއާކުރަން ތައްޔާރުވެއްޖެ އެވެ.

ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ މި ފިލްމަކީ މި އަހަރު ސިނަމާ އަށް ގެންނަ ދެވަނަ ފިލްމެވެ. އޮލިމްޕަހުގައި މި އަހަރު އެޅުވި ފުރަތަމަ ފިލްމަކި އެޕްރީލް މަހުގެ ފަހުކޮޅު ޕްރީމިއާކުރި ޑައިރެކްޓަރު މޫމިން ފުއާދުގެ "އަބަދަށް" އެވެ.

ނަހުލާގެ "ސޮރީ" މިރޭ އޮލިމްޕަހުގައި ޕްރީމިއާކުރާ އިރު، ފިލްމުގެ 15 އަށް ވުރެ ގިނަ ޝޯ ހައުސްވެފައިވާ ކަމަށް އެ ފިލްމުގެ ޓީމުން ބުނެފައިވެ އެވެެ. މިއީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރުގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެވެ.

ބެލުންތެރިން ރޮއި ހަލާކުވާ ވަރުގެ ފިލްމެއްގެ ގޮތުގައު ޕްރޮމޯޓްކުރަން އަންނަ "ސޮރީ" ގެ މައިގަނޑު ކާސްޓުންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)، މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު) އަދި ވާޝިޔާ މުހައްމަދެވެ.

މި ތަރިންނާ އެކު ފިލްމުގެ ވަރަށް މުހިއްމު ރޯލުތަކަކުން ކުދަ ދެ އަންހެން ކުދިން ވެސް ފެންނާނެ އެވެ. އެއީ ނަހުލާގެ ހަގު ދަރިފުޅު ލާލި އާއި އޭނަގެ މާމަދަރިއެއް ކަމަށްވާ އެވްލީ އެވެ. "ސޮރީ" ގެ ކާސްޓުން ޝީލާ ނަޖީބާއި ހުސައިން ސޮބާހާއި އަލީ ޝަމީލް، އައިމިނަތު ރަޝީދާ (އައިންތު) އަދި ކުރީގެ މަޝްހޫރު ބަތަލާ މަރިޔަމް ނިޝާ ވެސް ފެންނާނެ އެވެ.

ރާއްޖޭގައި ދިވެހި ފިލްމު ބަލާ ވަރަށް ބޮޑު އޯޑިއަންސެއްގެ އިތުބާރާއި ލޯބި ހޯދާފައިވާ ނަހުލާ ޑައިރެކްޓްކުރި ފިލްމެއް ބެލުންތެރިންނަށް މި ގެނެސްދެނީ ނުވަ އަހަރު ފަހުންނެވެ. އޭނަ އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ 2016 ގެ ބިރުވެރި ފިލްމު "4426" އެވެ.

ނަހުލާ އަކީ "ކަލާޔާނުލާ" އާއި "ޒުލޭހާ" އަދި "ޔޫސުފް" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.