Last Updated: June 19, 09:30
Thursday, June 19, 2025
ޚަބަރު

ކައުންސިލަރުންގެ ޚަތީބުކަމުގެ ކޯހަށް ހުޅުވާލައިފި

އައްޑޫ ފޭދޫ މަސްޖިދުލް އަމާނީގައި ހުކުރު ނަމާދު ކުރަނީ. ފޮޓޯ/ އިބްރާހީމް ރަޝީދު

ކައުންސިލަރުންނަށް ހާއްސަކޮށްގެން ހިންގި ނިންމި ޚަތީބުކަމުގެ ކޯހުގެ ފުރަތަމަ ބުރުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 50 ޖާގައާ އެކު ހުޅުވައިލި މި ކޯހުގައި ބައިވެެރިވާން ޝައުގުވެރިވާ ފިރިހެން ކައުންސިލަރުންނަށް ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 25 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބައިވެރިވާން ރަޖިސްޓްރީ ވާނީ މި ލިންކް forms.gle/6eoHUvc7KkexRRv37 މެދުވެރިކޮށެވެ.

ޖުމްލަ 15 ހަފުތާގެ މުއްދަތަށް ހިންގަން ހަމަޖެހިފައިވާ ޙަތީބުކަމުގެ ކޯހަށް ބައިވެރިން ހޮވާނީ ކީރިތި ޤުރްއާން ފަރިތަކަމާ އެކު ކިޔަން އެނގޭ މިންވަރާއި ދިވެހި ބަހާއި ޢަރަބި ބަހުގެ ކިޔުމުގެ ފަރިތަ ކަމަށް ބަލައިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

ހަފުތާއަކު ފަސް ދުވަހު ސެޝަންތައް ކުރިއަށް ގެންދަން ނިންމާފައިވާ ކޯސް ކުރިއަށް ގެންދާނީ އޮންލައިންކޮށެވެ

މިނިސްޓްރީން ބުނީ ކައުންސިލަރުންނަށް ހާއްސަކުރި ޚަތީބުކަމުގެ ކޯހަށް ކުރިމަތިލާ ކައުންސިލަރުންނާ އިންޓަވިއު ކުރުން ބާއްވާނީ މި މަހުގެ 29 އާއި 30 ގައި ކަމަށެވެ.

މި ކޯހުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ރަށްރަށުގައި އިމާމުވެ ހުކުރު ކުރާނެ މީހުން މަދިވުމުގެ ދަތިކަމަށް ހައްލެއް ހޯދުމެވެ.

އިސްލާމިކް މިނިސްޓްރީންނަކީ ޒުވާނުން ޚަތީބުން ތަމްރީނު ވެސް ކުރަމުންނެވެ. އެގޮތުން މީގެ ތިން ވަނަ ބުރު ފަށަން ތައްޔާރުވަމުން އަންނަ އިރު، ފުރަތަމަ ދެ ބުރުގައި ބައިވެރިވި ވަރަށް ގިނަ ޒުވާނުން މިހާރު އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ އިމާމުވެ ހުކުރު ކުރުންނެވެ.

ޒުވާން ޚަތީބުންގެ ޕްރޮގްރާމަކީ އޯ ލެވެލް ނުވަތަ އޭ ލެވެލް ނިންމާފައިވާ ނުވަތަ ކިޔަވަމުން އަންނަ ދަރިވަރުންނަށް ހާއްސަކޮށްފައިވާ ޕްރޮގްރާމެކެވެ.